އިންޑިއާ އާއި ފްރާންސް އިން އަރަބި ކަނޑުގައި "ވަރޫނާ" ގެ ނަމުން ބާއްވާ ކަނޑުގެ ތަމްރީނު ތައް ފަށައިފިއެވެ. އެ ތަމްރީނުތަކުގައި މަތިންދާބޯޓު އުފުލާ ބޯޓުތަކާއި ހަނގުރާމަ މަތީ މަނަވަރުތަކާއި ސަބްމެރިންތަކާއި ފައިޓަރ ޖެޓް ބޯޓުތަކާއި ހެލިކޮޕްޓަރުތަކާއެކު އިންޓެންސިވް ކޮމްބަޓް ޑްރިލްތައް ކުރިއަށް ގެންދާނެ އެވެ.
އިންޑިއާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ވިކްރަންޓާއި ކަލްވާރީ ކްލާހުގެ ސަބްމެރިން ވެސް ފްރާންސްގެ ނިއުކްލިއާ އިންޖީނުން ދުއްވާ ޗާލްސް ޑިގޯލް ކެރިއާ ސްޓްރައިކް ގްރޫޕާ ގުޅޭނެ އެވެ.
މި ކަސްރަތަކީ އިންޑިއާއިން ފްރާންސްއާއެކު ރާވާފައިވާ 10.6 ބިލިއަން ޔޫރޯގެ އެއްބަސްވުންތަކުގެ ކުރިން ސްޓްރެޓެޖިކް ގުޅުން ބަދަހި ކުރުމަށް ބާއްވާ ތަމްރީނު ތަކެވެ. އިންޑިއާގެ 10.6 ބިލިއަން ޔޫރޯގެ ޑީލަކީ، މަނަވަރުތަކަށް ބޭނުންވާ 26 ރަފައެލް މަތިންދާބޯޓު ގަތުމަށާއި އިތުރު ތިން ސްކޯޕީން ސަބްމެރިން ގަތުމުގެ އެއްބަސްވުމުގެ ބައެކެވެ.
އިންޑިއާއިން ދަނީ ސްޓެލްތު ފައިޓަރުތަކަށް، ބޭނުންވާ އިންޖީނު އުފެއްދުމަށް ފްރާންސްގެ ސަފްރަންއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ވަރޫނާ އެކްސަސައިޒްކީ، 2001 ވަނަ އަހަރު ފެށި ނޭވަލް އިންޓައޮޕަރޭބިލިޓީ އިތުރުކޮށް ވައިގެ ދިފާއާއި އެންޓި ސަބްމެރިން ވޯފެއާ އަދި ކަނޑުމަތީގައި އެހީވެދިނުމަށް ބޭނުންވާ ދާއިރާތަކުގެ ޑްރިލްތައް ހިމެނޭ އެކްސަސައިޒެކެވެ.




