އަޅުދާސްކޮށްގެން މީހަކު ގެންގުޅުމުން އދގެ ފަނޑިޔާރު ޖަލަށް ލައިފި

އދގެ ކޯޓުގައި ފަނޑިޔާރެއްގެ މަގާމު އަދާކުރި ކުރީގެ ގާޒީއަކު ޖަލަށް ލާން އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ. އޮކްސްފޯޑް ކްރައުން ކޯޓުން ޙުކުމް ކޮށްފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފު ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ކުރީގެ އދގެ ކޯޓުގެ ގާޒީ ލިޑިއާ މުގަމްބޭގެ ހަ އަހަރާއި ހަތަރު މަސް ދުވަހަށް ޖަލަށް ލާށެވެ.

މުގަމްބޭ ވަނީ މީގެ ކުރިން ޔޫގަންޑާގެ ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމު އަދާކޮށްފައެވެ. އުމުރުން 50 އަހަރުގެ ޔޫގަންޑާގެ ރައްޔިތެއް ކަމަށްވާ މުގަމްބޭ މި ކުށް ކުރިއިރު އުޅުނީ އޮކްސްފޯޑް ޔުނިވާސިޓީގައި ގާނޫނުގެ ދާއިރާއިން ޕީއެޗްޑީ ހެދުމުގެ މަސައްކަތުގައެވެ.

އޭނާ ވަނީ ޔޫގަންޑާގެ އަންހެން ޚާދިމަކު އަޅުދާސްކޮށްގެން ގޭގައި ގެންގުޅެފައެވެ.

މުގަމްބޭއަކީ އިންސާނީ ހައްގުގެ ދާއިރާއިން ފާހަގަ ކުރެވޭ ގާޒީއެކެވެ. ކޯޓުން ޙުކުމް ކޮށްފައި ވަނީ މުގަމްބޭ އަންހެން މީހާ ގެންގުޅުނީ މުސާރައެއް ނުދީ ނުވަތަ މިނިވަންކަމެއް ނެތި އަނިޔާވެރި ހާލަތްތަކެއްގައި މަސައްކަތް ކުރުވުމަށް ކަމަށެވެ.

ހިއްސާ ކުރައްވާ!