ކޮލަމްބިއާ ޔުނިވާސިޓީގައި ހޯމަ ދުވަހު އިއުލާންކުރި ޕުލިޓްޒަރ އިނާމަކީ ދުނިޔޭގެ ނޫސްވެރިކަމުގެ އެންމެ ޝަރަފްވެރި އިނާމެވެ. މި އިނާމުގައި އެންމެ ފާހަގަ ކުރެވުނީ އިނާމު ދިނުމަށް މީހުންނަށް ފާހަގަ ކުރެވުނު އަދި އިސްކަން ދެވުނު ކަންކަމެވެ.
އެންމެ މުހިންމު ކަމަކަށް ފާހަގަވެފައި ވަނީ ޑޮނަލްޑް ޓްރަމްޕްގެ ކަންފަތުގެ ފޫޅެވެ. ޖުލައި 13 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި އޭނާގެ ކަންފަތަށް ހަމަލަ އަމާޒު ވެގެން ގެނަސްދިން ޚަބަރާއި ފޮޓޯއަކީ މި އިނާމުގެ އެއްވަނާގައި ފާހަގަ ކުރެވުނު ކަމެވެ. ޣައްޒާ އާއި ސޫދާނުގައި ހިނގާ ހަނގުރާމަތަކުގެ ކަވަރޭޖް ވެސް އެމެރިކާގެ ނޫސްވެރިކަމުގައި އިނާމަށް ޖާގަ ހޯދިއެވެ. އެއީ ދެވަނަ އަށެވެ.
ވޮޝިންޓަން ޕޯސްޓަށް ބްރޭކިން ނިއުސް ރިޕޯޓިން ގެ ދާއިރާއިން އިނާމު ލިބުނީ ޕެންސިލްވޭނިއާގެ ކެމްޕޭން ޖަލްސާގައި ޓްރަމްޕްގެ ކަންފަތުގެ ފޫޅަށް ހަމަލަ އަމާޒު ކުރިކަން ވަގުތުން ރިޕޯޓުކޮށްގެންނެވެ.
ނިއުޔޯކް ޓައިމްސްގެ ފޮޓޯގްރާފަރަކު ބްރޭކިން ނިއުސް ފޮޓޯގްރަފީ ގެ ދާއިރާއިން ޕުލިޓްޒަރ އިނާމު ހޯދީ ޓްރަމްޕްގެ ކަންފަތަށް އަމާޒުވި ވަޒަނާއެކު ނެގި ފޮޓޯއިންނެވެ.
ބައިނަލްއަގްވާމީ ރިޕޯޓިންތަކުގައި ނިއުޔޯކް ޓައިމްސްގެ ނޫސްވެރިޔާ ޑެކްލަން ވޯލްޝް އަށް އިނާމު ލިބުނީ ސޫދާނުގެ އަހުލީ ހަނގުރާމައިގެ ކަވަރޭޖްތައް ގެނަސްދިން ގޮތުގެ އަގުވަޒަންކޮށްފަ އެވެ.
ފަލަސްތީނުގެ ޅެންވެރިޔާ މޫސްޢަބް އަބޫ ޠާހާއަށް ކޮމެންޓްރީ ގެ ރޮނގުން އެވޯޑް ލިބިފައި ވަނީ ޣައްޒާގައި ހިނގި "ޖިސްމާނީ އަދި ޖަޒުބާތީ ކާރިސާ" ދައްކުވައިދިނުމަށް އޭނާ (ޔަހޫދީންގެ ނުފޫޒުގަދަ ނޫސް) ދަ ނިއުޔޯކަރ ގައި ލިޔުނު މަޒުމޫނަކަށެވެ.
އެޖެންސް ފްރާންސް-ޕްރެސް (އޭއެފްޕީ) ގެ ފަލަސްތީނުގެ ފޮޓޯގްރާފަރުން ވަނީ ބްރޭކިން ނިއުސް ފޮޓޯގްރަފީގެ ފައިނަލިސްޓުންގެ ގޮތުގައި ޣައްޒާއިން ފޮޓޯތައް ގެނަސްދިނުމުން ހޮވާފައެވެ. ޣައްޒާގެ ރައްޔިތުންގެ ކެތްތެރިކަމާއި އިންސާނިއްޔަތުކަން ހާމަކޮށްދޭ އެމީހުން ގެނަސްދިން "ބާރުގަދަ ތަސްވީރުތަކަށް" ތައުރީފުކޮށްފައިވެ އެވެ.
އިންވެސްޓިގޭޓިވް ޖާނަލިޒަމް ޕުލިޓްޒަރ އިނާމު ލިބުނީ ރޮއިޓާސް އަށެވެ. އެއީ އެމެރިކާގައި މަސްތުވާ ބޭސް ފެންޓަނައިލްއާ ދެކޮޅަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތަކުގެ ދޯހަޅިކަން ދައްކައި އާންމު ސިއްހަތަށް އެއިން ކުރާ ނޭދެވޭ އަސަރު ގެނަސްދިނުމުންނެވެ.
މި އިނާމު ދިނުން އޮންނަނީ ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތަކުގެ މަރުކަޒެއް ކަމަށްވާ ކޮލަމްބިއާ ޔުނިވާސިޓީގައެވެ.




