އިންދިރާގާނދީ އެއާޕޯޓުގެ ބައެއް ދަތުރުތަކަށް ހުރަސް އެޅިފައި

އިންޑިއާގައި އެންމެ ބިޒީކޮށް އޮންނަ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަން އާންމު ގޮތެއްގައި ހިންގަމުންދިޔަ ނަމަވެސް ބައެއް ފްލައިޓްތަކުގެ ޝެޑިއުލްތަކަށް ބުރޫއަރައިފިއެވެ. އަދި ސެކިއުރިޓީ ޕްރޮސެސިން ވަގުތު ދިގުވެފައިވާ ކަމަށްވެސް ދިއްލީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (ޑައިލް) އިން ބުނެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ފަހަކަށް އައިސް އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. ހޮނިހިރު ދުވަހު ދެގައުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދި ނަމަވެސް ދޭތެރޭން ހަމަލަ ބަދަލު ކޮށްފައިޥާ ކަމަށް ރޭ އިންޑިއާއިން ބުންޏެވެ.

އެ އެއާޕޯޓުން ހުކުރު ދުވަހު ވެސް ގާތްގަނޑަކަށް 100 ފްލައިޓް ކެންސަލް ކޮށްފައިވެއެވެ. މިއީ ވައިގެ ސަރަހައްދުގެ ހުރަސްތަކާއި ސެކިއުރިޓީ ޕްރޮޓޮކޯލްތަކުގެ އަސަރު ދައްކުވައިދޭ ކަމެކެވެ. ފަސިންޖަރުންނަށް އެއާޕޯޓުން ލަފާދެނީ އަވަހަށް އައުމަށެވެ.

އަދި އެއާ އިންޑިއާއިން ލަފާދެނީ ފުރުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން އައުމަށާއި ދަތުރ ާބެހޭ މައުލޫމާތު ރަސްމީ ޗެނަލްތަކުން އަޕްޑޭޓް ކޮށް ބެލެހެއްޓުމަށެވެ. އެ އެއާޕޯޓުން އާންމު ހާލަތުގައި ދުވާލަކު ގާތްގަނޑަކަށް 1،300 ފްލައިޓް މޫވްމަންޓް ހެންޑްލް ކުރެ އެވެ. މީގެ އިތުރުން އުތުރާއި ހުޅަނގު އިންޑިއާގެ އިތުރު 32 އެއާޕޯޓެއް މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައިވާ ކަމަށް އޭވިއޭޝަން އޮތޯރިޓީން ނެރުނު ނޯޓިސް ޓު އެއާމަންސް (ނޯޓަމްސް) އިން ބުނެ އެވެ.

ހިއްސާ ކުރައްވާ!