ޗައިނާގެ ރައްޔިތުން ދެކުނު ކޮރެއާގެ އަސްކަރީ މަރުކަޒުތައް ތަކުރާރުކޮށް ފޮޓޯ ނަގާފައިވާ ކަމަށް ތުހުމަތުކޮށް، ޖާސޫސީ ކަންބޮޑުވުންތަކެއް އުފެދިފައި ވެއެވެ. އަދި ދެކުނު ކޮރެއާގެ ގާނޫނުތައް އަދާހަމަކޮށްފައި ނުވާތީ އެމީހުންނަށް ފިޔަވަޅު ނޭޅޭކަމަށްވެސް މުހައްލިލުން ބުނެއެވެ. އޭޕްރީލް މަހު ދެ ފަހަރެއްގެ މަތިން ޗައިނާގެ ދެ ރައްޔިތަކު ޒަމާނީ ކެމެރާތައް ބޭނުންކޮށްގެން ދެކުނު ކޮރެއާގެ އޮސާން އެއާ ބޭސްގެ ފޮޓޯ ނަގައިފައެވެ. އަދި، މަތިންދާބޯޓާއި އިންފްރާސްޓްރަކްޗާގެ ފޮޓޯތައް ނަގާފައިވާ ކަމަށް ބުނެ އެމީހުން ހައްޔަރު ކުރިއެވެ.
މިކަން އެންމެ ފުރަތަމަ ރިޕޯޓު ކުރީ އެމެރިކާގެ ސިފައިންގެ މުވައްޒަފުންނެވެ. އެމީހުން ފުރަތަމަ ރިޕޯޓްކުރި ގޮތުގައި އޭޕްރީލް 21 ވަނަ ދުވަހު އެ ދެމީހުން ބަންދުކުރީ މިލިޓަރީ ފެސިލިޓީ ޕްރޮޓެކްޝަން ގާނޫނުގެ ދަށުންނެވެ. ނަމަވެސް ޖާސޫސް ކުރިކަމުގެ ހެކި ނެތިގެން އެމީހުން ދޫކޮށްލި އެވެ.
އޭގެ ދެ ދުވަސް ފަހުން އޭޕްރީލް 23 ވަނަ ދުވަހު އަނެއްކާވެސް މިފަދަ ކަމެއް ކޮށްގެން އެ ދެމީހުން ބަންދުކޮށް އަށް ގަޑިއިރު ވަންދެން ސުވާލު ކުރިއެވެ. މި ފަހަރުވެސް އެމީހުންނަށް ދައުވާ ކުރާކަށް ފުރުސަތެއް ނުލިބުނެވެ. އެއީ، ދެކުނު ކޮރެއާގެ ގާނޫނުގައި ބުނާ ގޮތުން އާންމު ތަންތަނުން ފޮޓޯ ނެގުމަކީ ހުއްދަ ކަމެކެވެ. އެހެންވެ، އެމީހުންނަށް ދައުވާ ކުރާކަށް ޖާގައެއް ނުދެ އެވެ.
މިއީ މިފަދަ ހަމައެކަނި ހާދިސާއެއް ނޫނެވެ. މިއަހަރުގެ މާޗް މަހު ޗައިނާގެ ފުރާވަރުގެ ދެ ކުއްޖަކު ޕިއޮންޓޭކްގައި ހުންނަ އެމެރިކާގެ މަރުކަޒަކާއި އަދި އިތުރު ހަތަރު އަސްކަރީ ތަނެއްގެ އެތައް ހާސް ފޮޓޯއެއް ނެގި މައްސަލައިގައި ތަހުގީގު ކުރިއެވެ. އެއިން އެއް ފޮޓޯއަކީ ޗައިނާގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯއާ ގުޅުން ހުރި ފޮޓޯއެކެވެ.
އޭގެ ކުރީ އަހަރުގެ ޖޫން މަހު ޗައިނާގެ ތިން ދަރިވަރަކު ބޫސާންގައި އެމެރިކާގެ ތިއޯޑޯ ރޫޒްވެލްޓް މަނަވަރު ކައރިން ޑްރޯން ދުއްވައި ވީޑިއޯ ކުރިއެވެ. ފަހުން އެނގުނު ގޮތުގައި އެއިން އެއް ދަރިވަރަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިފައިވާ ދަރިވަރެކެވެ.
އެނޫން އެހެން ހާދިސާއެއްގައި، ދެކުނު ކޮރެއާގެ ޑިފެންސް އިންޓެލިޖެންސް ކޮމާންޑްގެ މުވައްޒަފަކު ވެސް ހަތް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ އެޖެންޓުންނަށް ސިއްރުތައް ލީކުކޮށްލި މައްސަލައެއް ވަނީ ފަޅާއަރުވާލާފަ އެވެ.
ޗައިނާއިން ޖާސޫސީ މައުލޫމާތު އެއްކުރުމަށް ދަރިވަރުންނާއި ފަތުރުވެރިން ބޭނުންކުރާކަމަށް ބުނެ ޖާސޫސީ ދާއިރާތަކުގައި ބަހުސް ކުރެވެއެވެ. އަދި ބޭރުގެ ޖާސޫސީ ނުރައްކާތައް އިތުރުވަމުންދާތީ ގާނޫނީ އިސްލާހުތަކެއް ގެނައުމަށް ދެކުނު ކޮރެއާގެ ކިމް ޔެއުލް ސޫ ފަދަ ތަޖުރިބާކާރުން ވަނީ ގޮވާލާފަ އެވެ.




