ބަންޑާރަ ނާއިބް އަޙުމަދު އުޝާމަށް ފާޑު ވިދާޅުވަމުން، އިޖުރާއާތަށް ރިއާޔަތް ކުރެއްވުމަށް ޖޭއެސްސީގެ ކުރީގެ ރައީސް، ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ އިސް ވަކީލު ޙިސާނު ޙުސައިން ވިދާޅުވި ވާހަކައަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހީމް ފަލާޙު މިއދު ރައްދު ދެއްވައިފިއެވެ.
ފަލާޙު ވިދާޅުވީ، އިޖުރާއާތޭ ވިދާޅުވެ، މިއަދު ޙިސާނު އަނގަ ހުޅުވާއިރު ޙިސާނުގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށެވެ.

ފަލާޙު މިވާހަކަ ނެންގެވީ، ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ވަކި ކުރުމުން ގިނަ ބަޔަކަށް އިޖުރާއާތު މަތިން ހަނދާން އާލާ ވެފައިވާތީއެވެ. އެކަމާ ގުޅިގެން މިއަދު ވާހަކަ ދައްކަވަމުން ފަލާޙު ވަނީ ކުރިން އިޖުރާއާތު ވަދެ އޮތްތަނެއް ސާފުކުރައްވުމަށް ސުއާލު އައްސަވާފައެވެ.
"ނަޝީދު ޖަލަށް ލުމަށް ހުކުމްކުރި ގާޒީއާ ދެކޮޅަށް ނަޝީދު ހުށަހެޅުއްވި ޝަކުވާއަކަށް ބިނާކޮށް އެ ގާޒީ މަގާމުން ވަކިކުރީ ތިޔަ ނަޝީދުގެ ވަކީލު ޙިސާން… އިޖުރާއާތޭ ކިޔައިގެން އަނގަ ހުޅުވާއިރު ހަޔާތުގެ ކަންފުޅެއްވެސް ނެތީ؟" މެމްބަރު ފަލާޙު ސުއާލު ކުރެއްވިއެވެ.
ފަލާޙު އެހެން ސުއާލު ކުރެއްވިއިރު ޙިސާނު ޖޭއެސްސީގެ ވެރިއަކަށް ހުންނެވިއިރު ފަނޑިޔާރުންނާ މެދު ތައުދީބީ ފިޔަވަޅު އަޅައި އެމީހުން ރަށްމެދަށް ލެވެމުން ދިޔައީ ދޮންނަ މެޝިނަކުން ނަގާފައިވާ ހެދުންތައް ހިއްކަން ރޯނުގައި އަޅަމުން ދިޔަ ބީދައިންނެވެ.
އެއިރު، ގިނަ ބަޔަކު ވަނީ އިޖުރާއާތާއި ބޭއިންސާފީއާ ބެހޭ ގޮތުން ޝަކުވާ ކޮށްފައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހާއި އެމްޑީޕީގެ ރައީސް އިބޫ ސޯލިޙުއަށްވެސް އެވާހަކަ އިވުނުހެނެއް ހިއެއް ނުވެއެވެ.
ދިވެހި ޑިމޮކްރެސީގައި، ފަނޑިޔާރުން ވަކި ކުރުން މިހާރު ވަނީ އާދައިގެ ކަމަކަށް ވެފައެވެ. އަދި މިއީ ފަނޑިޔާރުން ވަކި ކުރި ފުރަތަމަ ފަހަރެއްވެސް ނޫނީ ފަހު ފަހަރެއްވެސް ނޫނެވެ.





