ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
ގދ. ތިނަދޫ ގާކުރެލި، އިބްރާހީމް ރަޝީދު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ 2016 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުގެ ދަންވަރު 12:49 ހާއިރުއެވެ. އޭރު އޭނާ ހުރީ ގދ. ތިނަދޫ މެޖިސްޓްރޭޓްކަމުގެ މަޤާމުގައެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ދިޔަ ފުލުހުން އިބްރާހީމް ރަޝީދު ހުއްޓުވި ވަގުތު، އޭނާގެ އަތުން ނަގައި އެއްލާލި ރަބަރު ޕެކެޓެއްގައި 0.0123 ގްރާމްގެ ޑައިމޯފިން ހުރިކަން ތަހުލީލު ރިޕޯޓުން ދައްކާފައިވެއެވެ.
މި މައްސަލައިގައި އިބްރާހީމް ރަޝީދުގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ހުށަހެޅީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމް ކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ. އެ ހުކުމުގައި އިބްރާހީމް ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވެއެވެ.
ދަށު ކޯޓުގެ މި ހުކުމް އިބްރާހީމް ރަޝީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. ހައިކޯޓުގައި މި މައްސަލަ ބެލީ، ހުޒައިފާ މުހައްމަދު، މުހައްމަދު ފައިސަލް އަދި މުހައްމަދު ޝަނީޒު އަބްދުﷲ ހިމެނޭ ބެންޗަކުންނެވެ.
މިގޮތަށް ހައިކޯޓުން ނިންމުމާއެކު، ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ދެމެހެއްޓިފައިވެއެވެ.




