ފުށްގިރި މައްސަލާގައި ހެކިބަސް ނެގުން ނިމިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރެވިފައިވާ ރިޝްވަތުގެ ދަޢުވާގައި، އެމަނިކުފާނުގެ ދިފާޢުގައި ހުށަހެޅުނު ދެ ހެކިންގެ ހެކިބަސް ނެގުން މިއަދު ކްރިމިނަލް ކޯޓުގައި ނިމިއްޖެއެވެ. މި މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޤަބޫލުކުރައްވައި މަނީ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރެވިފައިވާ ދަޢުވާއެކެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިނީ މުލިއާގޭގެ އެކްސްޓަރނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދާއި، ކުރިން މި މައްސަލައިގައި ދައުލަތުން ތުހުމަތުކޮށް ދަޢުވާކޮށްފައިވާ ކްރިކް ރިޒާއެވެ. އަބްދުﷲ ރަޝީދުގެ ހެކިބަހުގައި، 2016 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް ލަފާކުރެވޭ ގޮތުގައި، ސަން ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމަށް ދޭންޖެހޭ ފައިސާއަކަށް ހިލާލީގެއަށް އައުމަށް ރައީސް ޔާމީން އޭނާއަށް އެންގެވި ކަމަށް ބުނެފައިވެއެވެ.

އަބްދުﷲ ރަޝީދު އިތުރަށް ހާމަކުރި ގޮތުގައި، ހިލާލީގޭގައި 17 މިލިއަން ރުފިޔާ ހުރި ކަމަށާއި، މި ފައިސާ ލަގެޖަކަށް އަޅައި ސިޔާމްގެ ޑްރައިވަރާ ހަވާލުކުރި ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅުނު އިތުރު ދެ ފަރާތެއް ކަމަށްވާ، ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝްއާއި، އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދިނުމަށް އިންކާރުކޮށްފައެވެ.

ހިއްސާ ކުރައްވާ!