ހަކުރު ބައްޔާއި ފަލަވުމަށް ޖަހާ އާ އިންޖެކްޝަނަކަށް ހުއްދަ ދީފި

ހަކުރު ބައްޔާއި ފަލަވުމަށް ދޭ ފަރުވާއަކަށް ބޭނުން ކުރާ އާ އިންޖެކްޝަނެއް ކަމަށްވާ 'މޯންހާރޯ ކްވިކްޕެން' (Mounjaro KwikPen) އަށް ހުއްދަ ދީފިއެވެ. މި އިންޖެކްޝަނަކީ ޓިރްޒެޕަޓައިޑް (Tirzepatide) ބޭނުންކޮށްގެން އުފައްދާފައިވާ ބޭހެކެވެ.

މިއީ، ޓައިޕް 2 ހަކުރު ބައްޔަށާއި ފަލަވުމަށް ފަރުވާއަކަށް އީޖާދުކުރި، ޑުއަލް ޖީއައިޕީ (GIP) އަދި ޖީއެލްޕީ 1 (GLP-1) އެގޯނިސްޓް ބޭހެއްގެ ގޮތުގައި އިންޑިއާއިން ފާސްކުރި ފުރަތަމަ ބޭހެވެ. މި ހުއްދައާއެކު ހަކުރު ބައްޔާއި ފަލަ ވުމުގެ ބައްޔަށް ފަރުވާއެއްގެ ގޮތުގައި މުހިންމު ކުރިއެރުމެއް ހޯދިއްޖެ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

2022 ވަނަ އަހަރު 'ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން' (NEJM) ގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މި ބޭހުގެ 15 މިލިގްރާމްގެ ޑޯޒް 72 ހަފުތާއަށް ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން 22.5 އިންސައްތައާ ހަމައަށް ލުއި ކުރެވިދާނެ އެވެ. މިއީ ހަކުރު ބައްޔާއި ފަލަވުން ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމެއް ކަމަށް މާހިރުން ދެކެ އެވެ.

'މާކެޓް ރިސަރޗް ފިއުޗަރ' އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އިންޑިއާގެ ހަކުރު ބައްޔާ ގުޅޭ ވިޔަފާރިއަކީ 2024 ވަނަ އަހަރު 6.86 ބިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އަދި 2032 ވަނަ އަހަރު މި ވިޔަފާރި 11.46 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ނަމަވެސް، މި ބޭހާ ގުޅޭގޮތުން ބައެއް ގޮންޖެހުންތައްވެސް އެބަހުއްޓެވެ. 2021 ވަނަ އަހަރު 'ދަ ލެންސެޓް' ގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މިފަދަ ބޭސްތަކުން ދިގު މުއްދަތުގައި ތައިރޮއިޑް ގޮށް (thyroid tumors) ފަދަ ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، މާހިރުން ވަނީ މި ބޭސް ބޭނުންކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

'ކްވިކްޕެން' ގެ އަގު ކަނޑައަޅާފައިވަނީ ކޮންމެ އިންޖެކްޝަނެއް އިންޑިއާގެ 3,500 އިން 4,375 ރުޕީސްއާ ދެމެދު ގައެވެ. އަދި 2.5 މިލިގްރާމުން ފެށިގެން 15 މިލިގްރާމާ ހަމައަށް، މިބޭސް ލިބޭނެއެވެ.

ހިއްސާ ކުރައްވާ!