ޗައިނާގައި އިމާރާތް ކުރުން

ޗައިނާގައި ކުރިމަތިވެފައިވާ "ޓޯފޫ-ޑްރެގް" މައްސަލައަކީ ޤައުމުގެ އިމާރާތްކުރުމުގެ ދާއިރާގައި ދިމާވެފައިވާ ނުރައްކާތެރި ކަމެކެވެ. މި ނަން ދީފައިވަނީ އެ ޤައުމުގެ އިމާރާތްތައް ، ކެއުމަށް ބޭނުންކުރާ ޓޯފޫގަނޑެއް ފަދައިން ކުދކުދިވެ ފަސޭހައިން ވެއްޓޭތީއެވެ. މި މައްސަލަ ދިމާވެފައިވަނީ ޗައިނާގެ ކުންފުނިތަކާއި ސަރުކާރުގެ އިސް މުވައްޒަފުންގެ ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުންނެވެ.

"ޓޯފޫ-ޑްރެގް" މި ބަސް ތަޢާރަފުކުރީ ކުރީގެ ޕްރިމިއާ ޒޫ ރޮންގްޖީ 1998 ވަނަ އަހަރުއެވެ. ނަމަވެސް މި މައްސަލައިގެ ނުރައްކާތެރިކަން ހާމަވީ 2008 ވަނަ އަހަރު ސިޗުއާންގައި ބިންހެލުން އައި ދުވަސްވަރުއެވެ. އޭރު ގިނަ އަދަދެއްގެ ސްކޫލްތައް ވެއްޓި، އެތައް ހާސް ދަރިވަރުންނެއް މަރުވިއިރު، އެ ސަރަހައްދުގެ ދުވަސްވީ އިމާރާތްތައް ހަމަ ރަނގަޅަށް ހުރިކަން ފާހަގަކުރެވުނެވެ.

ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، އިމާރާތްކުރާ ފަރާތްތަކުން ޚަރަދު ކުޑަކުރުމަށްޓަކައި ބޭނުންކޮށްފައިވަނީ ފެންވަރު ދަށް ތަކެއްޗެވެ. މިގޮތުން ބޭނުންކޮށްފައިވަނީ ރަނގަޅު ދަގަނޑުގެ ބަދަލުގައި ތުނި ދަގަނޑާއި އަގުހެޔޮ ސިމެންތި އަދި މަދު އަދަދެއްގެ ވެލިގަލެވެ. މިކަމުގެ ސަބަބުން އެ ފަރާތްތަކަށް އިތުރު ފައިދާ ލިބިފައިވެއެވެ. ބިންހެލުމަށްފަހު، ކޮމިއުނިސްޓް ޕާޓީގެ އިސްވެރިން ހިމެނޭގޮތަށް 11 އޮފިޝަލަކު ވަނީ އިމާރާތްތައް އަލުން ބިނާކުރުމަށް ކަނޑައެޅުނު ފަންޑުން ފައިސާ ވަގަށް ނެގުމުގެ ދަޢުވާގައި ހައްޔަރުކޮށްފައެވެ.

ސަރުކާރުގެ ބާރުގެ ދަށުގައިވާ މީޑިއާތަކުން ސްކޫލްތައް ވެއްޓުނު މައްސަލައާ ގުޅޭގޮތުން އެކަށީގެންވާ ވަރަށް ރިޕޯޓުކޮށްފައި ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ސުވާލު އުފެއްދި ބެލެނިވެރިންނަށް އިންޒާރުދީ، ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައަކީ ހަމައެކަނި ސްކޫލްތަކަށް މެދުވެރި ވެފައިވާ ކަމެއް ނޫނެވެ. 2009 ވަނަ އަހަރު ފެށުނު 34 ބިލިއަން ޔޫރޯގެ ފެނުގެ ދިރާސާ ފަންޑަކަށްވެސް އޮޅުވާލައިގެން ފައިސާ ނަގައި، ވަގު މަޝްރޫޢުތައް ހިންގާފައިވާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!