ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި ބުނަނީ ކީކޭ؟

ރާއްޖޭގެ ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމުގައި އަމަލު ކުރާ ސުލޫކީ މިންގަނޑު ހަރުދަނާ ކުރުމުގެ މަގްސަދުގައި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.

އިސްލާހުގެ މައިގަނޑު ބަދަލުތައް:

މި އިސްލާހުގެ މައިގަނޑު އެއް ބަދަލެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދޭ ފަނޑިޔާރުންނާއި މަޤާމުން ވަކިކުރާ ފަނޑިޔާރުންނަށް ވަކި މުއްދަތެއް ވަންދެން އެއްވެސް މައްސަލައެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ އުޞޫލެކެވެ.

އެގޮތުން، ފަނޑިޔާރަކު މަޤާމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ވަކިކޮށްފި ނަމަ، އެ ވަކިވި ނުވަތަ ވަކިކުރި ތާރީޚުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ދުވަހު ފަނޑިޔާރުކަމުގެ މަޤާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރެއް ނުވެވޭނެއެވެ.

މީގެ އިތުރުން، އެ މީހަކު ފަނޑިޔާރެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މަޤާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި، އޭނާގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ދެމިއޮތްހާ ހިނދަކު، އެ މުއްދަތު ފާއިތުވުމަށް ފަހު ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް ވެސް ހުށަހަޅާފައިވެއެވެ.

އިސްލާހުގެ މަޤްސަދު:

މި އިސްލާހު ހުށަހެޅުމުގެ އެންމެ ބޮޑު މަޤްސަދަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށާއި އެ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމެވެ. އަދި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތައް ޤާނޫނުގައި ހާމަކުރުމެވެ.

އޭގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތައް އިތުރަށް ތަފުސީލު ކުރުމާއި، ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމުގެ އުޞޫލުތަކާއި ވަގުތީ ގޮތުން އެހެން ކޯޓެއްގެ މަސައްކަތް ހަވާލުކުރުމުގެ އުޞޫލުތައް ޤާނޫނުގައި ކަނޑައެޅުމަކީ ވެސް މި އިސްލާހުގެ ބޭނުމެކެވެ.

ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުޢާމަލާތްތައް ކުރުމާ ގުޅޭ އުޞޫލުތައް ތަފުސީލުކުރުމާއި، މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އުޞޫލުތައް މުރާޖަޢާ ކުރުން ވެސް ހިމެނެއެވެ.

ފަނޑިޔާރުންނަށް ހުއްދަ ނޫން ކަންތައްތައް:

ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނައިރު ނުކުރެވޭނެ ކަންކަމުގެ ގޮތުގައި މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރަށް ބައެއް ކަންކަމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

އެގޮތުން، އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުން.

ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގާ އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ނުވަތަ ހަސްމުން ތަމްސީލު ކުރުމުގެ ގޮތުން އެއްވެސް ހައިސިއްޔަތުން މަސައްކަތް ކުރުން.

ދައުލަތުގެ މުދަލާއި ބިން ގަތުމަށް ނުވަތަ ކުއްޔަށް ހިފުން.

ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް ފަނޑިޔާރުންގެ މާލީ އެއްވެސް މަސްލަހަތެއް ބެހެއްޓުން.

ފަނޑިޔާރުންނަށް ހުއްދަ ކަންތައްތައް (ވިޔަފާރި ކަމުގައި ނުބެލެވޭ):

ރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ މުހިންމު ހިއްސާދާރަކަށް ނުވާ ގޮތަށް އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުން.

ފަނޑިޔާރެއްގެ ނަމުގައި އޮތް ގޯއްޗެއް، ގެއެއް ނުވަތަ އެނޫންވެސް ނުއުފުލޭ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް، ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށް ވުރެ ބޮޑު ނޫން އަގަކަށް ވިއްކާލުމާއި ކުއްޔަށްދީގެން އާމްދަނީ ހޯދުން.

މީގެ އިތުރުން، ޤާނޫނުގައި ފަނޑިޔާރުން ކުރުން ހުއްދަ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ ފަރާތްތަކުގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ނުވަތަ މަސްއޫލިއްޔަތަށް ބުރޫނާރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަނޑައަޅާ މަސައްކަތްތައް ކުރުމަކީ ފަނޑިޔާރުކަމާ ތައާރުޟުވާ ކަމެއް ނޫން ކަމަށް ވެސް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތަކަކީ ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!