ޗައިނާގެ ސައިޓްތަކުން ކުރާ ވިޔަފާރިއަށް 30 ޕަސެންޓް ނަގާ ވާހަކަ ޓުއީޓު ކުރެއްވުމަށްފަހު ޗައިނާ ސަފީރު ޓުއީޓް ޑިލީޓު ކުރައްވައިފިއެވެ. ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ މަހެއްގެ ލިމިޓް 500 ޑޮލަރަށް ބޮޑު ކުރުމަށްފަހު، ޗައިނާގެ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިއަށް 30 ޕަސެންޓްގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ.
ބީއެމްއެލްއިން މިކަން އިއުލާން ކޮށްފައި ވަނީ އެބެންކުގެ ސީއޯއޯ މުޙައްމަދު ޝަރީފް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރުގައި އުޅުއްވަނިކޮށެވެ.
ބެންކު އޮފް މޯލްޑިވްސްއިން ޗައިނާގެ ޓީމޫއާއި، ޝެއިންއާއި ޢަލީބާބާއާއި އަލީ އެކްސްޕްރެސްއިން ކުރާ މުޢާމަލާތްތަކުން 30 ޕަސެންޓުގެ ފީއެއް ނަގާނެކަން އިއުލާން ކުރުމުން ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ވަނީ އެކަން ފާހަގަ ކުރައްވާފައެވެ. އެކަމާ ގުޅިގެން އެމްބެސެޑަރ ކޮން ޝިއާންހުއާ ކުރެއްވި ޓުއީޓު ވަނީ އެސާހިތަކުން ޑިލީޓު ކުރައްވާފައެވެ. އެ ޓުއީޓް ޑިލީޓް ކުރެއްވި ސަބަބު ސާފެއް ނުވެއެވެ.
ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި މުދަލާއި ޚިދުމަތްތަކަށް ހަރަދުކުރެވޭ ލިމިޓް މަހަކަށް 500 ޑޮލަރަށް ބޮޑުކުރާއިރު، ބޭންކުގެ މި ނިންމުމަކީ ކަސްޓަމަރުންގެ ރާއްޖޭން ބޭރުގެ ޚަރަދުތަކަށް އެހީތެރިވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، ޑެބިޓް ކާޑުތަކުގެ ނާޖާއިޒު ބޭނުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ. މި ބަދަލުތަކުގެ ތެރޭގައި ވިޔަފާރީގެ ބޭނުމަށް ޕަރސަނަލް ޑެބިޓް ކާޑު ބޭނުންކުރުމާއި، ރާއްޖޭން ބޭރުގައި ފައިސާ ނެގުމަށް ތިންވަނަ ފަރާތްތަކަށް ކާޑު ހަވާލުކުރުން ހުއްޓުވުން ހިމެނެއެވެ.
އެގޮތުން، މުދަލާއި ޚިދުމަތަށް ދައްކާ ފައިސާގެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރާއިރު، ރާއްޖޭން ބޭރުގައި އޭޓީއެމް އިން ފައިސާ ނެގޭ ލިމިޓް މަހަކަށް 125 ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ. އަދި އޭޓީއެމް އިން ފައިސާ ނެގުމަށް 10 ޑޮލަރުގެ ފީއެއް ނެގޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނެފައި ވަނީ އީ-ކޮމާސް ސައިޓުތަކުން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓާ ހަމައަށް ޓްރާންސެކްޝަން ފީއެއް ނެގުމަށް ނިންމި ނަމަވެސް، ހޮޓެލް ބުކިން، ބައިނަލްއަޤްވާމީ ފްލައިޓް ޓިކެޓް ނެގުން ނުވަތަ ސަބްސްކްރިޕްޝަން ފަދަ އެހެނިހެން އޮންލައިން މުޢާމަލާތްތަކުން މި ފީ ނުނަގާނެ ކަމަށެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓްތަކާ ގުޅާފައިވާ ޑެބިޓް ކާޑުތަކަށް ނުވަތަ ކްރެޑިޓް ކާޑުތަކަށްވެސް މި ފީ ނުނަގާނެއެވެ.
އޮންލައިންކޮށް ކުރާ ވިޔަފާރި އިތުރު ވުމުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ. އަދި އޮންލައިން ވިޔަފާރި އިތުރު ވުމުގެ ސަބަބުން ޕޯސްޓް އޮފީހަށް ބާރު ބޮޑުވެ، އިތުރު ސްޕޭސްއާއި މުވައްޒަފުން ނަގަން ޖެހި، ބޮޑު ހަރަދެއް ކުރަން މަޖުބޫރުވެފައި ވެއެވެ.






