ފިރިމީހާ އަނބިމީހާގެ ލޮލަށް އުލެއް ހަރާލާއިގެން އޭނާގެ ދެ ލޯ ވަގަށް ނަގައިފިއެވެ. އެއަށްފަހު އެ ދެލޯ ކޮތަޅަކަށް ލައިގެން ސިހުރުވެރިއެއްގެ ގާތަށް ގެންގޮސް، އެ ދެލޯ އޭނާއަށް ހަދިޔާ ކުރިއެވެ.
މިހާދިސާ ހިނގީ ޓިއުނީޝިޔާގެ ގައިރަވާން ޕްރޮވިންސްގެ ސަބިހާ ސިޓީގައި ވަޅުލާފައިވާ ޚަޒާނާއެއްގެ ވާހަކަ ފިރިމީހާއަށް އަޑުއިވުމާ ގުޅިގެންނެވެ. އެތަން ހޯދަން އުޅެއުޅެ ނުފެނިގެން އެންމެ ފަހުން ނިންމީ ސިހުރުވެރިއެއްގެ ގާތަށް ގޮސް އެތަން ހޯދުމަށް އެހީތެރިވެ ދިނުމަށެވެ.
ސިހުރުވެރިޔާ ފިރިމީހާ ގާތު އޭނާ ގެން ގުޅޭ ޖިންނިއާ ސުވާލުކުރުމަށް ފަހު ބުނީ އެ ޚަޒާނާ ނެގޭނީ ހަށިގަނޑުގައި ވަކި ޚާއްސަ ނިޝާނެއް ހުރި އަންހެނެއްގެ ލޯ ކޮނެގެން ނަގައިގެން ގެނަސް ދިނުމުން ކަމަށެވެ. އެ ފިރިހެން މީހާއަށް ކަށަވަރުވި ގޮތުގައި އެ ބުނާ ވައްތަރުގެ ނިޝާނެއް ހުރީ އޭނާގެ އަންހެނުންގެ ގައިގައެވެ.
އެ ނިޝާން އަނބިމީހާގެ ހަށިގަނޑުގައި ހުރިކަން ފިރިމީހާއަށް އެނގުމުން އޭނާ އެކަމުން އަންހެން މީހާގެ ލޯ ކޮނެ ލައިގެން ޕްލާސްޓިކް ކޮތަޅެއްގައި ސިހުރުވެރިޔާއާ ހަމައަށް ގެންދިޔައެވެ.
އުމުރުން 29 އަހަރުގެ އަނބިމީހާ ސަލާމަތް ކުރެވުނީ އޭނާގެ ރޯއަޑަށް އަވަށްޓެރިން ގޮސް ހަސްފަތާލަށް ގެންދިއުމުންނެވެ.
ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް އަންހެން މީހާ ވަނީ ކަނުވެފައެވެ.
ޓިއުނީޝިއާގެ ފުލުހުންނަށް ވަގުތުން ފިރިމީހާ ހައްޔަރު ކުރިއެވެ.
އެ ޖަރީމާގެ ސަބަބުން ޓިއުނީޝިއާގެ އާންމުންނަށް ސިހުން ލިބިފައި ވެއެވެ.
ރައއޔިތުން ވަނީ ފިރިމީހާއަށް ބޮޑު އަދަބު ދިނުމަށް އެދިފަ އެވެ.
ފިރިމީހާ އެއްބަސްވި ގޮތުގައި އޭނާ ކުރި ހުރިހާ ކަމެއް ކޮށްގެންވެސް އެ ބުނާ ޚަޒާނާ ފެންނަ ގޮތެއް ނުވިއެވެ.




