ވިއާގްރާ ކެންސަރަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް އައު ދިރާސާއަކުން ދައްކައިފި

ޖިންސީ ގުޅުމުގެ ނުކުޅެދުންތެރިކަމަށް ފަރުވާކުރުމަށް ބޭނުންކުރާ ވިއާގްރާ (ސިލްޑެނާފިލް) ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީވެދާނެ ކަމަށް، ޗައިނާގެ ދިރާސާވެރިން ކުރިއަށް ގެންދިޔަ އައު ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ވިއާގްރާއަކީ ހަށިގަނޑުގައި ކެންސަރާ ދެކޮޅަށް ދިފާޢީ ބާރު ގަދަ ކުރުމަށް އެހީވެދޭނެ މާއްދާ އެކުލެވޭ ބޭހެކެވެ.

އެމެރިކާގެ ވެސްޓްލޭކް ޔުނިވަރސިޓީއާއި ޗައނާގެ ޒެޖިއާންގް ޔުނިވަރސިޓީއާއި ޕީކިންގް ޔޫނިއަން މެޑިކަލް ކޮލެޖާއި އަދި ޝަންގްހާއީ އިންސްޓިޓިއުޓް އޮފް އިމިއުނޮލޮޖީގެ ދިރާސާވެރިންގެ ހޯދުމުން ދައްކާ ގޮތުގައި، ސިލްޑެނާފިލް އަކީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ރައްކާތެރިކަން ލިއްބައިދޭ އަދި މުހިންމު އިމިއުނިޓީ ސެލްތަކުގެ ބާރު ގަދަކޮށްދިނުމުގެ ގާބިލިއްޔަތު ހުރި ބޭހެކެވެ.

މިއީ ހަށިގަނޑުގެ ތަބީއީ ދިފާޢީ ނިޒާމް ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ބޭހެއް ކަމަށް ނޭޗާ މަޖައްލާގައި ދިރާސާވެރިން ލިޔެފައި ވެއެވެ.

މިހާރު އާންމު ކޮށްފައިވާ މި ހޯދުންތަކުގެ ސަބަބުން، ކެންސަރުގެ ފަރުވާއެއްގެ ގޮތުގައި ސިލްޑެނާފިލް ބޭނުންކުރެވިދާނެތޯ ބެލުމަށް އިތުރު ދިރާސާތައް ކުރުމަށް މަގުފަހިވެގެން ގޮސްފައި ވެއެވެ. މިއީ މުޅި ދުނިޔެއަށް ބޮޑު ނުރައްކަލެއް ކަމަށްވާ ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!