މޮޒަމްބިކް: ޗައިނާގެ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ރިސްޓްރަކްޗަރ ކުރުމަށް އެދެނީ

ގުދުރަތީ ގޭހުން މުއްސަނދި، ދެކުނު އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ މޮޒަމްބިކަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުގެ ސަބަބުން، އެޤައުމުގެ އެންމެ ބޮޑު ދަރަނިވެރިޔާ ކަމަށްވާ ޗައިނާއަށް ދައްކަންޖެހޭ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ވިސްވަމުންދާ ކަމަށް، އެޤައުމުގެ ރައީސް ޑެނިއެލް ޗަޕޯ ވަނީ އިއުލާން ކުރައްވާފައެވެ.

މޮޒަމްބިކްގެ އިޤްތިޞާދު ވަނީ ޖެހިޖެހިގެން ދެ ކުއާޓަރުގައި ދަށަށް ގޮސްފައެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބާ ގުޅިގެން ހިނގި ހަމަނުޖެހުމުގެ ސަބަބުން އިގްތިސާދު ވަނީ އިތުރަށް ގޯސްވެފައެވެ.

މި ހަމަނުޖެހުންތަކުގައި ސަތޭކަޔަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި ގިނަ ފެކްޓަރީތަކާއި ފިހާރަތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. އަދި ދަރަނި އަދާކުރުމުގެ ބުރަ ބޮޑުވެ ދެމެހެއްޓެނިވި މާލީ ސިޔާސަތެއް ގެންގުޅެވިދާނެ ކަމާ މެދު ކަންބޮޑުވުންތައް އުފެދިފައިވެއެވެ.

މޮޒަމްބިކްގެ ޖުމްލަ ބޭރުގެ ދަރަނި 9.8 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ޗައިނާއިންނެވެ. މި ދަރަނީގެ ބޮޑު ބައެއް އައިސްފައިވަނީ ޗައިނާއިން ބިނާކޮށްފައިވާ ބިޔަ މަޝްރޫޢުތަކާ ގުޅިފައިވާ ލޯނުތަކުންނެވެ.

ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ ރަސްމީ މަޝްވަރާތައް އަދި ފަށާފައިނުވި  ނަމަވެސް، ރައީސް ޗަޕޯ ވިދާޅުވީ ދަރަނި އަލުން ތާވަލުކުރުން ނުވަތަ މާފުކޮށް ދިނުމަށް އެދޭނެ ކަމަށް ވިދާޅުވެފައެވެ.

މޮޒަމްބިކްގެ މާލީ ގޮންޖެހުންތައް އިތުރަށް ގޯސްވަނީ ދަރަނި އަދާކުރުމުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. އެ ގައުމުން ގައުމީ އުފެއްދުމުން ލިބޭ އާމްދަނީގެ 42 އިންސައްތަ ހޭދަ ކުރަނީ ދަރަނި ދައްކާށެވެ.

މޮޒަމްބިކްގެ މި ފިޔަވަޅަކީ ޗައިނާގެ ދަރަންޏަށް ބަރޯސާވުން ކުޑަކުރުމަށް މަސައްކަތްކުރާ ގާނާ އާއި ޒެމްބިއާ ފަދަ އެފްރިކާގެ އެހެން ޤައުމުތަކާ އެއްގޮތް ފިޔަވަޅެކެވެ. އަދި އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އައި.އެމް.އެފް އާއެކު އާ މުޢާމަލާތެއް ފެށުމަށްވެސް މޮޒަމްބިކުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!