ބާބީއާ ވައްތަރުވާން ވެގެން ދެލައްކަ ޕައުންޑް ޚަރަދުކޮށްފި

ބައެއް އަންހެނުން ނޭފަތާއި ތުންފަތާއި ނުވަތަ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަންތައް ރީތިކޮށް ބަދަލު ގެނައުމަށް ޕްލާސްޓިކް ސާޖަރީ ހަދައެވެ. ބައެއް ފަހަރު މަޝްހޫރު މީހަކާ ވައްތަރުވާން ވެސް ބޭނުންވެއެވެ.

އިނގިރޭސި އަންހެނަކު ބާބީ ޑޯލްއަކަށްވާން ވެގެން 250،000 ޕައުންޑް ޚަރަދުކޮށްފިއެވެ. އިނގިރޭސި ޗެނަލް އައިޓީވީން ދައްކާ ލަވް އައިލެންޑްގެ ކުރީގެ ތަރި އޮލިވިއާ ޕްރެޒެންޓްކުރި ޑޮކިއުމެންޓްރީ ސީރީޒް "އޮލިވިއާ އެޓްވުޑް: ދަ ޕްރައިސް އޮފް ޕާފެކްޝަން" ގެ އެންމެ ފަހުގެ އެޕިސޯޑުގައި ދައްކާއިލީ އެލިޝިއާ އެވެ. ބާބީއަކަށް ވާން ވެގެން ސިފަ ބަދަލު ކުރި އަންހެނެކެވެ.

ހަ އެޕިސޯޑްގެ ސިލްސިލާގައި އޮލިވިއާ ވަނީ ގިނަ ތަޖުރިބާކާރުންނާއި ބަލިމީހުންނާ ބައްދަލުކޮށް ޕްލާސްޓިކް ސާޖަރީގެ ދުނިޔެއާ ބެހޭ ގޮތުން މައުލުމާތު ހޯދާފަ އެވެ. ފައިނަލް އެޕިސޯޑްގައި ބެލުންތެރިން ސިއްސުވާލީ އެލިޝިއާގެ ވާހަކައިންނެވެ.

ކުރީގެ ފޮޓޯތައް ދައްކާލާއިރު މީހާ ހުރީ މުޅިން ބަދަލު ވެފައިވާ ކަން ފެނެއެވެ.

އޭނާ ކިޔައިދިން ގޮތުގައި ހުރިހައި ފައިސާއެއް ހޭދަކުރީ ޕްލާސްޓިކް ސާޖަރީ އަށެވެ. އަދި މިހާރުވެސް ޚަރަދުތައް ކުރަނީ ރީތިވާ ބޭނުން ކުރާ ސާމާނަށެވެ.

އަދި އުމުރުން ދުވަސްވިއަސް ކުރީގެ ސިފައަށް އެނބުރި އައުމާ މެދު ދުވަހަކުވެސް ނުވިސްނާ ކަމަށް ބުނެއެވެ. އަދި "އަހަރެން އުޅެނީ ވަރަށް ފުރިހަމަ ދިރިއުޅުމެއް ކަމަށާއި ދުވަހަކުވެސް އެކަން ބަދަލުވާކަށް ބޭނުމެއް ނޫން" ކަމަށް ވެސް ބުނެއެވެ.

ހިއްސާ ކުރައްވާ!