އުދުހެމުން ދަނިކޮށް ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި

އުދުހެމުން ދަނިކޮށް ގެއްލިފައިވާ މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާއިން ފަށައިފިއެވެ. އޮސްޓްރޭލިއާގެ ޓެސްމޭނިއާއިން މެދުންދުރު ގަޑީގައި ނައްޓާލި މަތިންދާ ބޯޓު، ހަވީރު 5 ޖެއި އިރުވެސް އޭގެ މަންޒިލަށް ފޯރާފައި ނުވުމުން ކަން ބޮޑުވެގެން ހޯދަން ފެށީއެވެ. ބޯޓުގައި އިނީ 70 އަހަރުގެ ޕައިލެޓަކާއި އޭނާއާއެކު ދަތުރުކުރި 60 އަހަރުގެ އަންހެން ފަސިންޖަރެކެވެ.

ބޯޓުން އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ، އަދި ހާލުގައި ޖެހުނު ކަމަށް އެއްވެސް ސިގްނަލެއް ފޮނުވާފައެއް ވެސް ނުވެއެވެ. ބޯޓު ގެއްލިފައި ވަނީ ކުއްލިއަކަށް ކަމަށް ޓެސްމޭނިއާ ފުލުހުން ބުނެއެވެ.

ޓެސްމޭނިއާއިން ބޯޓު ނައްޓާލީ، ވިކްޓޯރިއާގެ ލިއޮންގަތާ މެދުވެރިކޮށް ނިއު ސައުތުވޭލްސްގެ ކޮންޑޮލިންގެ ހިލްސްޓަން އެއާޕޯޓަށެވެ. ދެމީހުންނަކީ ވެސް ޓެސްމޭނިއާގައި ދިރިއުޅޭ މީހުންނެވެ.

ވިކްޓޯރިއާ އަދި ޓެސްމޭނިއާ ޕޮލިހުން ދަނީ ބާސް ކަނޑުއޮޅި ސަރަހައްދާއި ވިކްޓޯރިއާގެ ދެކުނު ސަރަހައްދު ބަލައި ހޯދަމުންނެވެ.

ހިއްސާ ކުރައްވާ!