1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި

2025 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 186،738 އަށް އަރާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 11.5 އިންސައްތައިގެ ކުރިއެރުމެކެވެ.

2025 ވަނަ އަހަރުގެ މިހާތަނަށް ޖުމްލަ 1،308،582 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ޗައިނާއިން 192،370 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިއާއިން 154،335 ފަތުރުވެރިން އަދި 3 ވަނައަށް، އިނގިރޭސިވިލާތުން 121،992 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 73.1 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ޓޫރިސްޓް ރިސޯޓުތަކުގައެވެ. އަދި 22 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަށް ހުރި ފުރުސަތު ރަނގަޅުކަމަށް ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!