ވިޔަފާރިއާއި އިގްތިސާދީ އެއްބާރުލުމުގައި ބައިވެރިން ހޮވުމުގެ ހައްގު މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކަށް ލިބިގެންވާ ކަމަށް ބުނެ ރަޝިޔާއިން އިންޑިއާ ދިފާއުކޮށްފިއެވެ. މިއީ ރަޝިޔާގެ ތެޔޮ ގަތުމުން އިންޑިއާގެ މުދަލަށް ނަގާ ޓެރިފް ބޮޑުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވިތާ އެއް ދުވަސް ފަހުން ރަޝިޔާއިން ނެރުނު ބަޔާނެކެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ސޮވަރިން ގައުމުތަކަށް ވިޔަފާރީގެ ބައިވެރިން އަމިއްލައަށް ހޮވައި، އިގްތިސާދީ އެއްބާރުލުމުގެ ގޮތްތައް މިނިވަންކަމާއެކު ކަނޑައެޅުމުގެ ހައްގު އޮންނަންވާނެއެވެ. ހޯމަ ދުވަހު ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޑިއާއިން ރަޝިޔާގެ ތެލުގެ ބޮޑު އަދަދެއް ގަނެ ބޮޑު ފައިދާއެއް ހޯދުމަށް ވިއްކަމުންދާ ކަމަށާއި، އެކަމާ ގުޅިގެން އިންޑިއާގެ މުދަލަށް ނަގާ ޓެރިފް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މި އިންޒާރާ ގުޅިގެން އިންޑިއާއިން ވަނީ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންއަށް ވަރުގަދަ ރައްދެއް ދީފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން ވެސް ރަޝިޔާއާ އެކު ވިޔަފާރީގެ ގުޅުން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ވިޔަފާރިތަކުގެ ތެރޭގައި ހަކަތައިގެ އިތުރުން ގަސްކާނާ، މައިނިން ޕްރޮޑަކްޓްސް، ކެމިކަލް، ދަގަނޑު އަދި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން އިތުރަށް ބުނެފައިވަނީ އިންޑިއާއަށް މިފަދަ އުދަގޫތައް އަމާޒުކުރުމަކީ ހަމަޖެހޭ އަދި ބުއްދިވެރި ކަމެއް ނޫން ކަމަށާއި، ބޮޑު އިގްތިސާދެއް ފަދައިން އިންޑިއާއިން ވެސް ގައުމީ މަސްލަހަތާއި އިގްތިސާދީ ސަލާމަތަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.



