ޓައިވާން ސަރަޙައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވެއްޖެ

ޗައިނާގެ ސިފައިންގެ 12 މަތިންދާބޯޓާއި 5 މަނަވަރު ޓަައިވާން ވަށައިގެން ދަތުރުކުރަމުންދާކަން ޓައިވާންގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް އިން މިއަދު ހާމަކޮށްފިއެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން އެކްސްގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، 12 ފަހަރު ބުރު ޖެހުމުގެ ތެރެއިން 8 ފަހަރު ބުރު ޖަހާފައި ވަނީ ޓައިވާންގެ އިން ވަކި ކުރާ ސަރަހައްދުގެ ލައިން ހުރަސްކޮށް ޓައިވާންގެ އުތުރާއި އިރުމަތީ ސަރަހައްދަށް ވަދެއެވެ. މިއީ ފާއިތުވި ދުވަސްތަކާ އަޅާބަލާއިރު މި ސަރަހައްދުގައި ޗައިނާ ސިފައިންގެ ބުރުޖެހުން އިތުރުވެފައިވާ މިންވަރެކެވެ. ހޯމަ ދުވަހު ފާހަގަކުރެވުނު މަނަވަރުތަކާއި ބޯޓުތައް އުދުއްސާލުމުގެ ކުރިން ހުކުރު ދުވަހު ޗައިނާއިން ވަނީ 55 މަތިންދާބޯޓާއި 7 މަނަވަރު ބޭނުންކޮށްފައެވެ.

މި ހަރަކާތްތައް އިތުރުވަމުންދާ ދިއުމަކީ ޓައިވާނާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ނުތަނަވަސްކަން އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށް ސިޔާސީ މާހިރުން ދެކެއެވެ. ޓައިވާނަކީ އަމިއްލަ ސިޔާސީ އަދި އިގްތިސާދީ ނިޒާމެއް ގެންގުޅެން އުޅޭ މިނިވަން ތަނެއްގެ ގޮތުގައި ހިންގަމުންދާ ސަރަޙައްދެކެވެ. ނަމވެސް ޗައިނާއިން ދެކެނީ މިއީ ބާޣީ ސަރަހައްދެއް ކަމަށެވެ.

ޗައިނާއިން ގެންގުޅޭ "އެއް ޗައިނާ" ސިޔާސަތުގެ ދަށުން ޓައިވާނަކީ އެގައުމުގެ ސަރަޙައްދުގެ ބައެއްކަމަށް ދައުވާކުރެއެވެ. އަދި ޓައިވާންގެ ޑިފެންސް މިނިސްޓްރީން މި އަސްކަރީ ހަރަކާތްތައް ގަވާއިދުން މޮނިޓަރކޮށް އެކަމުގެ މައުލުމާތު އާންމު ކުރަމުން ދަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށާއި ގައުމީ ސަލާމަތަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައެވެ.

ހިއްސާ ކުރައްވާ!