ޗައިނާގައި ޗިކުންގުންޔާ ވައިރަސް އިތުރުވެ، ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި

ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގެ ފޯޝާން ސިޓީގައި ޗިކުންގުންޔާ ވައިރަސްގެ 7،000 އަށްވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ. މި ކަމާ ގުޅިގެން ބަލި ޖެހޭ މީހުން ހޮސްޕިޓަލުގައި މަދިރި ދާ ޖެހި ވޯޑުތަކުގައި އެކަހެރި ކުރަމުންދާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ވަނީ ގުއަންގްޑޮންގް ޕްރޮވިންސްއަށް ދަތުރުކުރާ ފަރާތްތަކަށް ލެވެލް 2 ގެ ދަތުރު އެޑްވައިޒަރީއެއް ނެރެފައެވެ. މި އެޑްވައިޒަރީގައި ދަތުރުވެރިން މަދިރިން ރައްކާތެރިވުމަށް އިންސެކްޓް ރިޕެލެންޓް ބޭނުންކުރުމަށާއި، ދިގު އަތްދިގު ހެދުން ލުމަށް އިރުޝާދު ދީފައިވެއެވެ.

ގުއަންގްޑޮންގްގެ އެހެން 12 ސިޓީއެއްގައި ވޭތުވެދިޔަ ހަފްތާގައި 3،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، މުޅި ޗައިނާގައި މިހާރު 10،000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ. ހޮންގްކޮންގްގައިވެސް ފުރަތަމަ ކޭސް ވަނީ ފެނިފައެވެ. އެއީ ފޯޝަންއަށް ދަތުރުކުރި 12 އަހަރުގެ ކުއްޖެކެވެ.

އޭޑީސް މަދިރިން ފެތުރޭ ޗިކުންގުންޔާ ވައިރަސްއަކީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގައި އާންމުކޮށް ފެންނަ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ގައިގެ މަސްގަނޑުގައި ރިއްސުމާއި ގައި ކެހުން ހިމެނެއެވެ. މަދު ހާލަތްތަކެއްގައި ހިތާއި ސިކުނޑިއަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވެއެވެ.

ސީޑީސީން ވަނީ ބަލި ފެތުރިފައިވާ ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކަށް ވެކްސިން ޖެހުމަށް އިރުޝާދު ދީފައެވެ. 2025 ވަނަ އަހަރު 16 ގައުމެއްގައި 240،000 ކޭސް ރިޕޯޓްކޮށްފއި ވެއެވެ. އަދި 90 މީހުން މަރުވެފައިވާއިރު، އެމެރިކާގައި ދަތުރުވެރިންގެ 46 ކޭހެއް ވަނީ ފެނިފައެވެ. ނަމަވެސް މަރުވެފައިވާ މީހަކު އެއިން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

 

ހިއްސާ ކުރައްވާ!