އެސްސީއޯ ސަމިޓަށް މޯދީ ޗައިނާއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޗައިނާގެ ޓިއަންޖިންގައި އޮގަސްޓް 31 އިން ސެޕްޓެމްބަރު 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެސްސީއޯ ސަމިޓަށް ވަޑައިގަތުމުގެ ކުރިން، އޯގަސްޓް 30 ވަނަ ދުވަހު މޮދީ ޖަޕާނަށް ވަޑައިގެން، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއާއެކު އިންޑިއާ-ޖަޕާން އަހަރީ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ ފަހުން ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ.

މި ދަތުރުފުޅުގެ ކުރިން، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޯވަލް، އެސްސީއޯގެ ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ޗައިނާއަށް ވަޑައިގަންނަވާނެއެވެ. އަދި އޭގެ ފަހުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވެސް ވަނީ ޗައިނާއަށް ވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ކުރިއަށްދާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާއި، ޑޮލަރުގެ ނުފޫޒަށް ގޮންޖަހާ ބްރިކްސް ގްރޫޕާ މެދު ފާޅުކުރައްވާފައިވާ ކަންބޮޑުވުންތައް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ. އެސްސީއޯގެ މެންބަރު ޤައުމެއްގެ ގޮތުގައި ހިމެނޭ ރަޝިއާއިން އެ ޤައުމުގެ މަންދޫބުން ޓިއަންޖިންއަށް ފޮނުވާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.

އެހެންނަމަވެސް، މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ބައިވެރިވެ ވަޑައިގަންނަވާނެކަން އަދި ކަށަވަރެއް ނުވެއެވެ.

ހިއްސާ ކުރައްވާ!