މެލޭޝިޔާގެ ރަސްގެފާނަކު ރަޝިޔާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މެލޭޝިޔާގެ ސުލްޠާން އިބްރާހީމް އިސްކަންދަރު މޮސްކޯއަށް ވަޑައިގެނފިއެވެ. މެލޭޝިއާގެ ރަސްގެފާނުގެ ފުރަމާނަ ދަތުރުފުޅުގައި، ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާ ބައްދަލުކުރައްވައިފިއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ދަތުރުފުޅުގައި ސުލްޠާން އިބްރާހިމް ވަނީ ރައީސް ޕުޓިންގެ ލީޑަޝިޕް ތަޢުރީފުކުރައްވާފައެވެ. އަދި އެމަނިކުފާނަކީ "ބާރުގަދަ، ވިސްނުންތޫނު އަދި ކެތްތެރި" ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، ރަޝިޔާ ދަތި އުނދަގޫ ދުވަސްވަރުތަކުން ސަލާމަތްކުރެއްވި ބޭފުޅެއްކަމުގައި ވިދާޅުވެފައިވެއެވެ.
މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިދިޔަ މޭ މަހު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ އިގްތިސާދީ އަދި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ. މިހާރު ދެ ގައުމުގެ ވިޔަފާރީގެ ޖުމްލަ އަގަކީ 11.5 ބިލިއަން ރިންގިޓް (2.7 ބިލިއަން އެމެރިކާ ޑޮލަރު) އެވެ.
މެލޭޝިއާއިން ވަނީ ރަޝިޔާ މެދުވެރިކޮށް ބްރިކްސްގެ މެންބަރުކަމަށް އެދިފައެވެ. މިކަމަކީ ހުޅަނގުގެ ގައުމުތަކަށް ލިބުނު ޝޮކެކެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޑޮލަރު ނޫން އެހެން ފައިސާއިން މުޢާމަލާތްކުރާ ބްރިކްސްގެ މެންބަރު ގައުމުތަކަށް ޓެރިފް ބޮޑު ކުރައްވާނެ ކަމުގެ އިންޒާރުދެއްވާފައެވެ.
މި ދަތުރުފުޅަކީ މެލޭޝިއާއިން ހުޅަނގުގެ ގައުމުތަކާއެކު އޮތް ގުޅުން ދެމެހެއްޓުމާއެކު، ރަޝިޔާ ފަދަ "ކުރީގެ ރަޙްމަތްތެރި" ގައުމުތަކާއެކު އޮތް ގުޅުން އާލާ ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.





