ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންގހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގަތުމަށް ނިންމެވުމުން ޗައިނާއިން ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ. މި އަހަރުގެ އޯގަސްޓް 31 އިން ސެޕްޓެމްބަރު 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ އެސްސީއޯގެ ތާރީޚުގައި އެންމެ ބޮޑު ސަމިޓް ކަމަށް ބެލެވެއެވެ.
ޗައިނާގެ އިސް އޮފިޝަލުން މި ސަމިޓް ސިފަކޮށްފައި ވަނީ އެއްބައިވަންތަކަމާއި، ރަހުމަތްތެރިކަމާއި، ނަތީޖާ ހާސިލުކުރެވޭނެ ބައްދަލުވުމެއްގެ ގޮތުގައެވެ. މި ސަމިޓުގައި 20 އަށްވުރެ ގިނަ ގައުމުގެ ލީޑަރުންނާއި 10 ބައިނަލްއަގުވާމީ ޖަމާއަތް ޖަމިއްޔާގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
2020 ވަނަ އަހަރު ގަލްވާން ވާދީގައި ހިނގި ހަމަނުޖެހުމަށްފަހު ދެގައުމުގެ ދެމެދުގެ ގުޅުން ވަޅޯކޮށް އޮތުމަށްފަހު މިއީ މޯދީ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާއާއި ޗައިނާއާ ދެމެދު އޮންނަ އެލްއޭސީ (ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް) ސަރަހައްދުގައި ޕެޓްރޯލް ކުރުމާ ގުޅޭ އެއްބަސްވުންތަކަކަށް އާދެވުމާކާއެކު، ފަހުގެ ޑިޕްލޮމެޓިކް މަސައްކަތްތަކުން ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ތާފަނާކަމެއް ލިބިފައިވެއެވެ.
2025 ވަނަ އަހަރު އިންޑިއާގެ އިސް އޮފިޝަލުން ވަނީ ޗައިނާއަށް އެތައް ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި އެސްސީއޯ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވަޑައިގަތުމާއި، ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އެސްސީއޯ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުން ހިމެނެއެވެ. އަދި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތް ޑޯވަލް ވަނީ ޖައިޝޭ މުހައްމަދާއި ލޝްްކަރޭ ތޮއްޔިބާ ފަދަ އދން މަނާކޮށްފައިވާ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ޗައިނާގެ ބައްދަލުވުންތަކުގައި ފާހަގަކުރައްވާފައެވެ.
2001 ވަނަ އަހަރު ޝަންގހައިގައި އުފެދުނު އެސްސީއޯއަކީ ދާއިމީ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ރަޝިއާ، ޕާކިސްތާން، އީރާން، ކަޒަކިސްތާން، ކިރިގިސްތާން، ތަޖިކިސްތާން، އުޒްބެކިސްތާން އަދި ބެލަރޫސް ހިމެނެއެވެ.







