ތައިވާނާ ގުޅޭ ގޮތުން ފިލިޕީންސްގެ ރައީސް ފަރްޑިނަންޑް މާކޯސް ޖޫނިއަރ ދެއްކި ވާހަކަތަކާ މެދު ޗައިނާގެ ފޮރިން މިނިސްޓްރީން ރަސްމީކޮށް އިހުތިޖާޖު ކޮށްފިއެވެ. އަދި މި ވާހަކަތަކަކީ "ވަން-ޗައިނާ" ސިޔާސަތަށް އުނިކަން އަންނަ އަދި ދެ ގައުމުގެ ގުޅުމަށް އުނިކަން ލިބޭ ކަމެއް ކަމަށް ބުނެފައިވެއެވެ.
އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުފުޅުގައި އިންޑިއާގެ ނޫސް އައުޓްލެޓް "ފަސްޓްޕޯސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މާކޯސް ވިދާޅުވެފައިވަނީ، ތައިވާނާ ގުޅޭ ގޮތުން އެމެރިކާ އާއި ޗައިނާ އާ ދެމެދު ހަނގުރާމައެއް ހިނގައިފިނަމަ، ފިލިޕީންސްއަށް ތައިވާނުން އެކަހެރިވެ އެއްކިބާވެ ނުތިބެވޭނެ ކަމަށެވެ. މިގޮތަށް ވިދާޅުވި ސަބަބުތަކުގެ ތެރޭގައި ޖިއޮގްރަފީގެ ގާތްކަމާއި ތައިވާނުގައި ގިނަ އަދަދެއްގެ ފިލިޕީނޯ ރައްޔިތުން ދިރިއުޅޭކަން ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ތައިވާންގެ ފޮރިން މިނިސްޓްރީން ވަނީ ރައީސް މާކޯސްގެ ބަސްފުޅުތަކަށް މަރުހަބާ ކިޔާފައެވެ. އަދި ސަރަހައްދީ ސުލްހައާއި އިންސާނީ އަގުތަކަށް ރައިސް މާކޯސް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށްފައިވެއެވެ.
މި ވާހަކަތަކަކީ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ސިޔާދަތާއި އިސްތިގްލާލުގެ މައްސަލަތަކާ ގުޅޭ ގޮތުން ޗައިނާ އާއި ފިލިޕީންސް އާ ދެމެދު ކުރިން ވެސް އޮތް ގުޅުމަށް އިތުރު ބުރޫއަރާފާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދީ ވެރިކަމާ ގުޅޭ ގޮތުން މި ދެ ގައުމުގެ ދެމެދުގައި ވަނީ ކުރިން ވެސް ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
މި ކަންތައްތަކުގެ ސަބަބުން އިތުރަށް ސަރަހައްދީ ގުޅުންތަކަށް އަސަރުކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.






