އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތް ދޯވަލް ވަނީ މިއަދު މޮސްކޯގައި ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ސަރގޭ ޝޮއިގޫއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ބާއްވާ ބައިލެޓަރަލް ސަމިޓާ ގުޅޭ މަޝްވަރާތަކުގެ އިތުރުން، ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލަތަކާއި، ދިފާއީ އަދި ސަރަހައްދީ ސަލާމަތާ ގުޅޭ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ.
އަޖިތް ދޯވަލް ވަނީ ރަޝިއާގެ ރައީސް ވްލަދިމީރް ޕުޓިންއާވެސް ކްރެމްލިންގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ އެމްބެސެޑަރު ވިނޭ ކުމާރުގެ އިތުރުން ރަޝިއާގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުން ވަނީ ވަރަށް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައިކަމަށް ދެ ފަރާތުންވެސް ފާހަގަކުރެއެވެ.
ރަޝިއާގެ ރައީސްގެ އެއިޑް ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި ރައީސް ޕުޓިން މި އަހަރުގެ އޯގަސްޓް މަހުގެ ފަހުން އިންޑިއާއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލީޑަރޝިޕް ސަމިޓްގެ ބައްދަލުވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުވެ އަދި އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އިންޑިއާއަށް ފިއްތާ މި ދަނޑިވަޅުގައިވެސް، އިންޑިއާ އާއި ރަޝިއާގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓުމަށް ދެ ގައުމުންވެސް މަސައްކަތްކުރަމުންދާކަން މި ބައްދަލުވުންތަކުން ފާހަގަކުރެވެއެވެ.




