އެއާޕޯޓަށް ފައިބާ ބިދޭސި މީހާއަށް ވަގުތުން ޑްރައިވިން ލައިސަންސް ދިނުން މާމޮޅު ކަމަކަށް ނުވި

ސްރީލަންކާގެ ބަންޑަރަނާއިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ބިދޭސީންނަށް ވަގުތީ ޑްރައިވިން ލައިސަންސް ދޫކުރުމަށް ފަށާފައިވާ އައު ޚިދުމަތާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ބިމަލް ރަތްނާޔަކޭ ވިދާޅުވި ގޮތުގައި މި އައު ނިޒާމުގެ ދަށުން 10 މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބިދޭސީންނަށް ވަގުތީ ޑްރައިވިން ލައިސަންސް ދޫކުރެވެއެވެ. އަދި މިއަހަރުގެ ޖުލައި މަހާ ހަމައަށް ޤައުމަށް ޒިޔާރަތްކުރި 145،000 ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކަށް މިކަމުގެ ފައިދާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި ބިދޭސީން ޓުކްޓުކް، ބައިކް އަދި ސްކޫޓަރު ކުއްޔަށް ހިފުމުގެ މިންވަރު އިތުރުވަމުން ދިއުމާއެކު، ނުރައްކާތެރި ދުއްވުމާއި ގައުމުގެ ދިރޭ ޖަނަވާރާ ބެހުމާއި ހުއްދަ ނެތް ތަންތަނަށް ވަދެ އުޅުމާއި ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު އިތުރުވެގެން ގޮސްފައި ވެއެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން، ދާއިރާގެ ފަންނީ މާހިރުން ގޮވާލަނީ ފަތުރުވެރިންނާއި ރަށްވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރުކަށި ގަވާއިދުތަކާއި، ޖޫރިމަނާތަކާއި، ސަލާމަތީ އިރުޝާދުތައް ތަޢާރަފުކުރުމަށެވެ.

ޤާނޫނީ ގޮތުން ބަލާއިރު، ބިދޭސީންނަށް ޓުކްޓުކް ދުއްވުމުގެ ހުއްދަ ލިބޭނީ އެމީހުންގެ އިންޓަނޭޝަނަލް ލައިސަންސްގައި އެ ކެޓަގަރީ ހިމެނިފައިވާނަމައެވެ. ފުލުހުން މި ޤާނޫނު ތަންފީޒުކުރުމުގައި ސަމާލުކަން ދޭއިރު، ކުރިއަށް އޮތްތަނުގައި ލައިސަންސްތައް ޑިޖިޓަލްކޮށް ޗެކްކުރުމަށް ފުލުހުންނަށް ސްމާޓްފޯނު ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

ހިއްސާ ކުރައްވާ!