ބެއިޖިންގގައި ބޭއްވި 2025 ވަނަ އަހަރުގެ ވޯލްޑް ރޮބޮޓް ކޮންފަރެންސްގައި، ދުނިޔޭގައި ފުރިހަމަ ޚިދުމަތް ދޭ ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓް ފިހާރަ ޗައިނާއިން ވަނީ ތަޢާރަފުކޮށްފައެވެ.
ބެއިޖިންގގެ އީ-ޓައުންގައި ހުޅުވި މި ފިހާރައަކީ ކާރު ވިއްކާ 4އެސް ޑީލަރޝިޕް މޮޑެލްއަށް ބިނާކޮށް ފަރުމާކޮށްފައިވާ ފިހާރައެކެވެ. މި ފިހާރައިން ރޮބޮޓް ވިއްކުމާއި، މަރާމާތުކުރުމާއި، ސްޕެއަރ ޕާޓްސް އަދި ބޭނުމަށް ފެތޭ ވައްތަރުގެ ރޮބޮޓްގެ ސްޕެސިފިކޭޝަން ތައްޔާރު ކޮށްދިނުމުގެ ޚިދުމަތް ލިބެން ހުންނާނެއެވެ.
މި ފިހާރައިގައި ޗައިނާގެ 40 އަށްވުރެ ގިނަ ބްރޭންޑްތަކުން އުފައްދާފައިވާ 50 އަށްވުރެ ގިނަ ބާވަތުގެ ރޮބޮޓް ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ޔުނިޓްރީ ރޮބޮޓިކްސް އަދި ޔޫބީޓެކް ރޮބޮޓިކްސް ފަދަ ނަން މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތައް ހިމެނެއެވެ.
ޗައިނާގެ ރޮބޮޓިކްސް މާކެޓަކީ އަހަރަކު 23 ޕަސެންޓަށް ކުރިއަރާ މާކެޓެކެވެ. އަދި 2024 ވަނަ އަހަރު 47 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި މާކެޓް، ލަފާ ކުރެވެނީ 2028 ވަނަ އަހަރާ ހަމައަށް 108 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށެވެ.
މި ކުރިއެރުމަކީ ރޮބޮޓިކްސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރީ ސަފުގައި ތިބުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި މިކަމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން ގެންދެއެވެ.






