ވިއެޓްނާމްގެ ފުލުހުން ވަނީ އެގައުމުގެ އަންހެނުންގެ ރަހިމު ކުއްޔަށް ހިފައި ދަރިން ވިއްސަން އުޅޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ވިއުގައެއް ހޯދައި، އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް ފައެވެ. އަދި މިމީހުންނަށް ލިބިފައިވާ 11 ކުޑަކުދިން ވެސް ސަލާމަތްކޮށްފައެވެ. މި ވިޔަފާރި ހިންގަމުން އައީ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޭންގް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުން، މި ވިޔަފާރީގައި އަމާޒުކޮށްފައިވަނީ މާލީގޮތުން ދަތިހާލުގައި ތިބި ވިއެޓްނާމްގެ އަންހެނުންނަށެވެ. މި އަންހެނުން ޗައިނާ ނުވަތަ ކެމްބޯޑިއާއަށް ގެންގޮސް، އެމީހުންގެ ރަހިމުގައި ދަރިފަނި އިންދުމަށްފަހު އަނބުރާ ވިއެޓްނާމަށް ފޮނުވައެވެ. ރަހިމު ކުއްޔަށްދޭ ކޮންމެ އަންހެނަކަށް ގާތްގަނޑަކަށް 8,500 އިން 11,350 ޑޮލަރާ ދެމެދުގެ އަދަދެއް މި އަންހެނުންނަށް ދޭކަމަށް ވެއެވެ.ވިޔަފާރި ހިންގި ގޮތް
މި ވިޔަފާރި ހިންގުމުގައި މައިގަނޑު ދެ ފަރާތެއް ހިމެނެއެވެ. އެއީ "ކޯކާ" އަދި "ޕެޕްސީ" ގެ ނަމުން މަޝްހޫރު ދެ އަންހެނެކެވެ. މި ދެމީހުންގެ މައިގަނޑު މަސައްކަތަކީ ރަހިމު ކުއްޔަށް ދޭން ބޭނުންވާ މީހުން ޗައިނާ މީހާއަށް ހޯދައި ދިނުމާއި ހޮސްޕިޓަލްތަކުގެ ކަންކަން ހަމަޖެއްސުމެވެ.
ވިއެޓްނާމްގައި އިންސާނިއްޔަތަށްޓަކައި ރަހިމު ކުއްޔަށް ދިނުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ވިޔަފާރީގެ ބޭނުމަށް ރަހިމު ކުއްޔަށް ދީހެދުމަކީ މަނާ ކަމެކެވެ. މި ވިޔަފާރި ހިންގި ފަރާތްތައް ދިރިއުޅެމުން އައީ ރައްކާތެރި އަދި ވަރަށް ބޮޑު، އަގުބޮޑު އެޕާޓްމަންޓްތަކުގައެވެ. އަދި ހޯދުމަށް އުނދަގޫވާނެހެން ގަވާއިދުން އެމީހުން ދިރިއުޅޭ ތަންތަން ބަދަލުކުރަމުން ގެންދިޔައެވެ.
މިމީހުން އަތުން ސަލާމަތްކުރެވުނު 11 ކުޑަކުދިންނަކީ، އުމުރުން 9 ދުވަހާއި 3 މަހާ ދެމެދުގެ ކުދިންނެވެ. މިކުދިން މިހާރު ބަލަހައްޓަމުން ގެންދަނީ ވިއެޓްނާމް ވިމެންސް ޔޫނިއަން އާއި ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ އިދާރާތަކުންނެވެ. މީގެ އިތުރުން، ކުއްޖަކު ވިއެޓްނާމުން ވަގަށް ބޭރުކުރަން އުޅުނު ޗައިނާގެ ތިން ރައްޔިތުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.






