އުއިގޫރު މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ކެއަރ އިން ވާހަކަ ދައްކައިފި

އެމެރިކާގެ އިސްލާމިކް ޖަމްއިއްޔާ ކެއަރ ވަނީ ޗައިނާއިން އުއިގޫރު މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފައެވެ. މި ގޮވާލުމުގައި ޚާއްސަކޮށް ބަލައިލާފައިވަނީ ޗައިނާއިން ބޭރުގައި ދިރިއުޅޭ އުއިގޫރު މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކަށެވެ.

"ޕްރިވެންޓިންގ ޓްރާންސްނޭޝަނަލް ރިޕްރެޝަން – ދަ ކޭސް އޮފް ދަ އުއިގޫރު ޑައިސްޕޯރާ" ގެ ނަމުގައި ނެރެފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ރިޕޯޓުކުރާ މަދަނީ ޖަމްއިއްޔާތަކަށް ޚުދު މުޚޫތާރު ވެރިކަންތަކުން ފުރައްސާރަކުރަމުންދާކަމަށާއި، މި ކަމުގައި ޗައިނާ އެންމެ ކުރީ ސަފުގައި ހިމެނޭކަމަށް ވެއެވެ.

ކެއަރގެ ގަވަރމަންޓް އެފެއާޒް ޑައިރެކްޓަރ ރޮބަޓް މެކްކޯ ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމައު އެއް އަޑަކުން ޗައިނާއާއި ބައިވެރިން ކުށްވެރިކުރަން ޖެހެއެވެ. އަދި މިފަދަ ކަންކަމާ މެދު ހަނުހުރުމަކީ ޚުދުމުޚުތާރު ވެރިކަންތަކަށް އިތުރު ބާރު ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ޝިންޖިއާންގ ސަރަޙައްދުގައި އުއިގޫރު އަދި ކަޒަކް މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން، ކެއަރ އިން ވަނީ ކުރިންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އުއިގޫރު މުސްލިމުން މަޖުބޫރުން މަސައްކަތް ކުރުވުމާ ދެކޮޅަށް އެމެރިކާގެ ސެނެޓަރުން ފޮނުވި ސިޓީއަށް ތާއީދުކުރުމާއި، އުއިގޫރު މަޖުބޫރު މަސައްކަތާ ގުޅުން ހުރި ހުރިހާ ކުންފުނިތަކެއް ކުށްވެރިކުރުން ހިމެނެއެވެ.

އަދި އެމެރިކާގެ ސަރުކާރުން އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާ ގުޅިގެން ޗައިނާގެ ކުންފުނިތަކަށް ދެމުން އައި ތަފާތު މުއާމަލާތްތައް ހުއްޓާލުމަށް ނިންމި ނިންމުމަށް މަރުޙަބާ ކިޔައި، ބައިޑަން އިދާރާއަށް ފާސްކުރި ޤާނޫނުތަކަށް ތާއީދުކުރުމަށްވެސް ކުރިން ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!