ޗައިނާއާ އެމެރިކާގެ ދެމެދުގެ މަސްރަޙު ހޫނު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ދެ އިސް ސެނެޓަރުން ކަމުގައިވާ ރޮޖަރ ވިކަރ އަދި ޑެބް ފިޝަރ ވަނީ ހުކުރު ދުވަހު ޓައިޕޭއަށް ޒިޔާރަތްކޮށް، ޓައިވާންގެ އިސްވެރިންނާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފައެވެ. އަދި މި ދެ ސެނެޓަރުން ވަނީ، ޓައިވާންގެ މިނިވަންކަމަށް އެމެރިކާގެ ސަޕޯޓް އޮތްކަން އަލުން ކަށަވަރުކޮށްދީފައެވެ.
ސެނެޓް އާމްޑް ސަރވިސަސް ކޮމިޓީގެ ޗެއަރ، ސެނެޓަރ ވިކަރ ވަނީ ޓައިވާންގެ ރައީސް ލައި ޗިންގް-ޓޭއާ ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި "ޓައިވާން ފަދަ މިނިވަން ޤައުމަކަށް މިނިވަންކަމާއެކު ދެމިއޮތުމުގެ ފުރިހަމަ ޙައްޤު އެބައޮތް" ކަމަށް ވިދާޅުވެފައެވެ. ތައިވާނަކީ، ޗައިނާގެ ބާޣީ ޕްރޮވިންސެއް ކަމަށް ޗައިނާއިން ބުނެއެވެ. އަދި ޗައިނާއާ ގުޅުން ބާއްވާ ގައުމުތަކުން އެއް ޗައިނާ ސިޔާސަތު ގަބޫލު ކުރުމަށްވެސް ޗައިނާއިން ބާރު އަޅައެވެ.
ސަލާމަތީ ކަންކަމާއި، ވިޔަފާރި އަދި ސަރަޙައްދީ ހަމަޖެހުމަށް އަމާޒުކޮށްގެން ސެނެޓަރުން ކުރި މި ދަތުރާ ގުޅިގެން ޗައިނާއިން ވަނީ ހަރުކަށި އިބާރާތުން ފާޑުކިޔައި މި ވާހަކަތައް ކުށްވެރިކޮށްފައެވެ. ޗައިނާގެ އޮފިޝަލުން ބުނެފައިވަނީ އެމެރިކާއިން ޓައިވާންގެ ބާޣީ ފަރާތްތަކަށް "ނުބައި ސިގްނަލެއް" ދެމުންދާ ކަމަށާއި، މި ދަތުރުން ޗައިނާގެ ސިޔާދަތަށް އުނިކަން އަންނަ ކަމަށެވެ. އަދި ދެ ސެނެޓަރުން ވަނީ ދެމެހެއްޓެނިވި ރަޙްމަތްތެރިކަމާއި ދުނިޔޭގެ ސުލްޙައަށް އަހައްމިއްޔަތުކަން ދެއްވައި، އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ޓައިވާންގެ ސްޓްރެޓެޖިކް މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ދަތުރަކީ އެމެރިކާއާއި ޗައިނާގެ ދެމެދުގައި އިތުރަށް ގުޅުން ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ކުރި ދަތުރެކެވެ. އެހެންނަމަވެސް، އެމެރިކާއިން ވަނީ ޓައިވާނާއެކު އޮތް ގުޅުން ދެމެހެއްޓުމަށް ކަނޑައެޅިގެން މަސައްކަތް ކުރާނެކަން އަލުން ކަށަވަރު ކޮށްދީފައެވެ.






