ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން އަލަށް ތަޢާރަފުކޮށްފައިވާ "ރެޑް ކާޕެޓް" ޚިދުމަތަކީ އެއްވެސް ލިޔެކިޔުމެއް ދެއްކުމަކާ ނުލައި 6 ސިކުންތުގެ ތެރޭގައި ޗެކިން ނިންމާލެވޭ ޚިދުމަތެކެވެ. މި ޚިދުމަތަކީ ދުނިޔޭގައި މިފަދަ ފުރަތަމަ ޚިދުމަތް ކަމަށް އެމިރޭޓްސް ނިއުސް އޭޖެންސީ (ވާމް) އިން ބުނެފައިވެއެވެ.
ދުބާއީ އިމިގްރޭޝަނާއި އެއަރޕޯޓް އޮތޯރިޓީ ގުޅިގެން ތަޢާރަފުކޮށްފައިވާ މި އައު ޚިދުމަތުގެ ދަށުން، އެއްފަހަރާ 10 ފަސިންޖަރުންނަށް ސްމާޓް ގޭޓް މެދުވެރިކޮށް ޕާސްޕޯޓް ކޮންޓްރޯލް ފުރިހަމަ ކުރެވޭނެއެވެ. މި ނިޒާމަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބަޔޯމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގޭ ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން ދަތުރުވެރިންގެ މަޢުލޫމާތު ކުރިއާލައި ޕްރޮސެސްކުރެވި، އެއްވެސް ލިޔެކިޔުމެއް ދެއްކުމަކާ ނުލައި ދަތުރުވެރިންނަށް ކުރިއަށް ދެވޭނެއެވެ. ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ހާލަތްތަކުގައި އިތުރު ޗެކްކުރުމަށްޓަކައި މެނުއަލްކޮށް ބަލައި ފާސްކުރެވޭނެއެވެ.
އާންމު ގޮތެއްގައި ކޮންމެ ދަތުރުވެރިއަކަށް 6 އިން 14 ސިކުންތުގެ ތެރޭގައި މި ޚިދުމަތް ފުރިހަމަކޮށް ނިންމޭނެއެވެ. އަދި އެއްފަހަރާ 10 މީހުންނަށް މި ޚިދުމަތް ލިބޭނެއެވެ. މިއީ އާންމު ގޮތެއްގައި އެއްފަހަރާ އެންމެ މީހަކަށް ޚިދުމަތް ދެވޭ ނިޒާމާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
"ރެޑް ކާޕެޓް" ޚިދުމަތް ތަޢާރަފުކުރުމަކީ ސްމާޓް ދަތުރުފަތުރުގެ ދާއިރާގައި ދުބާއީގެ އިސްނެގުމާއި އައު އީޖާދީ ވިސްނުމުގެ މަޤާމު އިތުރަށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ވިދިވިދިގެން 11 ވަނަ އަހަރަށް ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދުނިޔޭގެ އެންމެ ގިނަ ބައިނަލްއަޤްވާމީ ދަތުރުވެރިން ބޭނުންކުރާ އެއަރޕޯޓެވެ.






