ޕަރޭޝް ރާވަލް މުސްލިމުންނާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކޮށްފި

އިންޑިއާގައި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލެއްގައި އިންޑިއާގެ ފިލްމީ ތަރި، ޕަރޭޝް ރާވަލް ވަނީ އޭނާގެ ކުންފުނިން އުފައްދާ ފިލްމުގެ ޕޯސްޓަރެއް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ. ޚިޔާލު ތަފާތުވާ މައްސަލަތަކުން މަޝްހޫރުކަން ހޯދުމަށް މަސައްކަތް ކުރާ ރާވަލް ވަނީ މީހުން ފާޑުކިޔަން ފެށުމުން އޭނާގެ ޕޯސްޓް ޑިލީޓް ކޮށްފައެވެ.

ރާވަލްގެ ފިލްމަކީ، ތާޖު މަހަލްއާ ބެހޭ ގޮތުން އުފައްދާ ފިލްމެކެވެ. ތާޖު މަހަލްއަކީ މިހާތަނަށް އިންޑިއާގައިވެސް އަދި ދުނިޔޭގައިވެސް އެވަރުގެ ދެވަނައެއް އިންސާނުންނަށް އުފެއްދިފައި ނުވާ، މޭސްތިކަމުގެ ކުޅަދާނަ ފަންނުކާރީ ދައްކައިދޭ މަސައްކަތެކެވެ. މިއީ 17 ވަނަ ގަރުނުގައި މުޣަލް ރަސްގެފާނު ޝާހްޖަހާން ބިނާ ކުރެއްވި އިމާރާތެކެވެ.

އިންޑިއާގައި ހަރުކަށި ހިންދޫން ވަނީ ތާޖު މަހަލްއަށް ހުތުރު އެރުވުމަށް އެ އިމާރާތުގެ ބިނާއާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާފައެވެ. ސާބިތު ނުހިފޭ ބައެއް ވާހަކަތަކުގައި ހަރުކަށި މީހުން ބުނަނީ އެ އިމާރާތް ހުރިތާނގައި ކުރިން ހުރީ ހިންދީންގެ ޝީވާ ދޭވަތާގެ ފައްޅިއެއް ކަމަށެވެ. މިފަދަ ޔޯލަ ވާހަކަތަކަކީ މުސްލިމުންގެ މިސްކިތްތަކާއި ބިނާތަކަށް އަތް ގަދަކުރުމަށް ހައްދު ފަހަނައަޅާފައިޥާ ހަރުކަށި ހިންދީން ދައްކާ ބަހަނާ އެކެވެ. ތާޖު މަހަލްއާ ބެހޭ ގޮތުން މިވެރިން ދައްކާފައިވާ ވާހަކަތައް ސާބިތުކޮށް ދެވިފައެއް ނުވެއެވެ.

ޕަރޭޝް ރާވަލްގެ 'ދަ ތާޖް ސްޓޯރީ' އަކީ އޭނާ ބުނާ ގޮތުގައި ތާރީޚި ވާޤިއާތަކަށް ސަމާލުކަންދޭ ފިލްމެކެވެ. އިސްލާމީފޯބިއާއަށް ބާރުދޭ ޕޯސްޓަރެއް ދެއްކުމަށްފަހު އެ ޕޯސްޓަރު ޑިލީޓްކޮށްފައި މަޝްހޫރުކަން ލިބުމުން އޭނާ ބުނެފައި ވަނީ ފިލްމުގައި ބައިބައި ވުން އުފެއްދުމަށް ވިސްނާފައި ނުވާނެ ކަމަށެވެ. އަދި ފިލްމު ބެލުމަށްފަހު ފިލްމާ މެދު ގޮތެއް ނިންމުމަށް އެދޭ ކަމަށެވެ.

މި ފިލްމު ސިނަމާތަކުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ހިއްސާ ކުރައްވާ!