ޗައިނާގެ ސިނާއީ ދާއިރާއަށް ދިރުމެއް ބޭނުންވޭ

ޗައިނާގެ މެނުފެކްޗަރިންގ ދާއިރާ ވިދިވިދިގެން 6 މަސް ވަންދެން ދަށަށް ގޮސްފިއެވެ. މިހާރު ރެކޯޑު ކުރެވިފައިވާ ދަށް ވުމަކީ، 2019 ވަނަ އަހަރަށްފަހު ސިނާއީ އުފެއްދުން އެންމެ ދިގު މުއްދަތަކަށް ދަށަށް ގޮސްފައިޥާ އެންމެ ދަށް މިންވަރެވެ.  އޮފިޝަލް ޕާރޗޭސިންގ މެނޭޖަރސް އިންޑެކްސް (ޕީއެމްއައި)ގެ ގިންތީގައި އޯގަސްޓް މަހު 49.4 ގައި އޮތުމަށްފަހު ކުޑަކޮށް މައްޗަށް ޖެހިލާފައި ވެއެވެ. މަތިވެފައިވާ މިންވަރަކީ 49.8 އެވެ. ނަމަވެސް މިީ އިޤްތިޞާދީ ކުރިއެރުމުގެ މިންގަނޑުކަމުގައިވާ 50 އަށްވުރެ ދަށް މިންވަރެއް ކަމަށް ފާހަގަ ކުރެވެއެވެ.

ޗައިނާގެ އިގްތިސާދީ ތަރައްގީއާ ބެހޭ ގޮތުން ރޭޓިންގޑޮގް އިން ހެދި އަމިއްލަ ސަރވޭއަކުން ދައްކާގޮތުގައި ޕީއެމްއައި އުޅެނީ 51.2 ގައެވެ. އަދި މި އަދަދަކީ ސައްހަ އަދަދެއް ކަމުގައި ވާނަމަ، އެއީ، ކޮންމެވެސް ވަރެއްގެ އުއްމީދީ ނަތީޖާއެއް ކަމަށް ދައްކައެވެ.

އިޤްތިޞާދީ މުހައްލިލުން ފާހަގަކުރާ ގޮތުގައި މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ޗައިނާގެ އެތެރޭގެ މުދަލާއި ޚިދުމަތުގެ ޑިމާންޑް ދަށްވުމާއި، އެމެރިކާއާއެކު ހިނގަމުންދާ ވިޔަފާރީގެ ކޯޅުންތަކުގެ ސަބަބުންނެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އެމެރިކާގެ ރައީސް ޓްރަމްޕްއާ ދެމެދު ފޯނު މަޝްވަރާއެއް ބޭއްވިފައިވާއިރު، އޮކްޓޯބަރު މަހުގެ ފަހުކޮޅު ދެ ރައީސުން ބައްދަލުކުރުމުގެ އުއްމީދު އޮތް ކަމަށް މުހައްލިލުން ބުނެއެވެ.

އިޤްތިޞާދީ މާހިރުން މިހާރު އިންތިޒާމު ކުރަމުން ދަނީ ޗައިނާގެ މަރުކަޒީ ބޭންކުން އިންވެސްޓްމަންޓްތަކާއި މުދަލާއި ޚިދުމަތަށް ހޭދަކުރާ މިންވަރު އިތުރުކުރުމަށްޓަކައި އިންޓަރެސްޓް ރޭޓް ދަށްކޮށްފާނެ ކަމަށް ބެލެވޭތީ، އެކަމަށެވެ.

ހިއްސާ ކުރައްވާ!