ލަންޑަންގައި ފޭރިގަންނަ ފޯނުތަކުގެ އެންމެ ފަހުގެ މަންޒިލަކީ ޗައިނާ ކަމަށް ލަންޑަން ފުލުހުން ބުނެފިއެވެ. ލަންޑަން ފުލުހުން ވަނީ އިނގިރޭސިވިލާތުގެ ތާރީޚުގައި މިހާތަނަށް ފޯނު ވަގަށް ނަގާ އެންމެ ބޮޑު ވިއުގަ ބޭޒާރުކޮށްލާފައެވެ.
މެޓްރޮޕޮލިޓަން ޕޮލިހުން ބުނީ ކޯޑް ނަން، އީކޯސްޓީޕް އޮޕަރޭޝަންގައި 46 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ލަންޑަންގެ މަގުތަކުން ފޭރިގަންނަ ފޯނުތަކުން ފެށިގެން ބައިނަލްއަގްވާމީ ސްމަގްލިންގެ ވިއުގަތަކާ ހަމައަށް ވަށާ ޖެހޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ މޯބައިލް ފޯނު ފޭރިގަތުމާއި ވަގަށް ނެގުމުގެ ތިންބައިކުޅަ އެއްބައި ހިނގަނީ ލަންޑަންގައެވެ. އަދި ވަގަށް ނަގާ ހުރިހާ ފޯނެއްގެ 40 ޕަސެންޓާ ހަމައަށް ކޮންޓްރޯލު ކުރަނީ އެއް ވިއުގައަކުންނެވެ.
މިކަން ތަހުގީގުކުރަން ފެށުނީ އިއްތިފާގަކުން ނެވެ. އެއީ މިދިޔަ އަހަރުގެ ކްރިސްމަސް ގައި ވައްކަމުގެ ޝިކާރައަކަށް ވެފައިވާ މީހަކު އޭނާގެ ވަގަށް ނަގާފައިވާ އައިފޯން ޓްރެކްކޮށްގެން ލަންޑަން ހީތުރޯ އެއާޕޯޓާ ކައިރީގައި ހުރި ގުދަނެއްގައި އެ ފޯނު އޮތް ކަމަށް ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ އެމީހުން އެ ގުދަނަށް ރެއިޑް ކުރުމުން އެއް ފޮށިގަނޑަކުން އިތުރު 900 ފޯނު ފެނުނު ކަމަށެވެ. އަދި އެ ހޯދުމަކީ ބައިނަލްއަގްވާމީ ސްމަގްލިންގެ ވިއުގައެއް ބޭޒާރުކޮށްލުމުގެ އޮޕަރޭޝަނެއްގެ ފެށުން ކަމަށް ބުނެފައި ވެއެވެ.
އެ ޝިޕްމަންޓުގައި ހުރި ހުރިހާ ފޯނަކީވެސް ވަގަށް ނަގައިގެން ހޮންކޮންގަށް ގެން ދިއުމަށް ތައްޔާރު ކޮށްފައި ހުރި ފޯނު ތަކެކެވެ. އޭގެ ފަހުން ކުރި ރެއިޑްތަކާއި ޕާރުސަލްތައް އިންސްޕެކްޓުކޮށް އޭގެ ފޮރެންސިކް ޑޭޓާ ބެލުމުން އޮފިސަރުން ވަނީ އިތުރު ބަޔަކުވެސް އެކަމާ ގުޅިގެން ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި އުމުރުން 30 އަހަރުގެ އަފްޣާނިސްތާނުގެ ދެ މީހަކު ހިމެނެއެވެ. އަދި 29 އަހަރުގެ އިންޑިއާ މީހަކުވެސް ހޯދައި ގަނެވުނެވެ. މިމީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފަހުން އެމީހުންނާ ގުޅިފައިވާ ތަންތަނުން ވަގަށް ނަގާފައިވާ އިތުރު 2،000 ފޯނު ފެނިފައި ވެއެވެ. އަދި ޝައްކު ކުރެވޭ އިތުރު މީހަކު ލަންޑަން އެއާޕޯޓަށް ފުރަން ގޮސްފައި ހުއްޓައި ސެޕްޓެމްބަރު މަހު އޭނާ ހުއްޓުވައި ވަގަށް ނަގާފައިވާ ދިހަ ފޯނެއް ހޯދާފައި ވެއެވެ. ފުލުހުންނަށް އެނގުނު ގޮތުގައި އެ މީހާ ވަނީ ލަންޑަނާއި އަލްޖީރިއާއާ ދެމެދު ދެ އަހަރު ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ ފަހަރު ދަތުރުކޮށްފައެވެ.






