އެމެރިކާއިން އަތްމަތި ދަތިވެގެން، ވޮއިސް އޮފް އެމެރިކާ އާއި ރޭޑިއޯ ފްރީ އޭޝިއާ އިން ޓިބެޓު ބަހުން ގެނަސްދިން ޚިދުމަތް ހުއްޓާލުމުން ޓިބެޓުގެ ޖަމާއަތްތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުން ފާޑު ކިޔަން ފަށައިފިއެވެ.
އެފަރާތްތަކުން ބުނަނީ މި ފިޔަވަޅަކީ ސަގާފަތު ދިރުވުމާއި ސެންސަރުކުރުމާ ދެކޮޅަށް އެތައް ޒަމާންތަކެއް ވަންދެން ކުރި މަސައްކަތަށް ބުރޫއަރާ ކަމެއް ކަމަށެވެ.
އެމެރިކާއިން ވަނީ ވޮއިސް އޮފް އެމެރިކާއާއި ރޭޑިއޯ ފްރީ އޭޝިއާގެ ޓިބެޓް ބަހުގެ ޚިދުމަތް 30 އަހަރަށް ވުރެ ގިނަ ދުވަހު ގެނަސްދީފައެވެ. މި ޚިދުމަތަކީ ޓިބެޓްގައި އުޅޭ މީހުންނާއި އަދި ބޭރުގައި އުޅޭ ޓިބެޓް މީހުންނަށް އިޖުތިމާއީ މުހިންމު ކަންކަމާ ބެހޭ މައުލޫމާތާއި ވާނުވާ ގެނަސްދިން ޚިދުމަތެކެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާގެ ބާރާއި ސަވައިލެންސް ފުޅާވެފައިވާ ސަރަހައްދުތަކުގައި ޝޯޓްވޭވް ރޭޑިއޯ މެދުވެރިކޮށް މި ރޭޑިއޯ ސާވިސްތަކުން ވަނީ ރޫހާނީ ޕްރޮގްރާމުތަކާއި ސެންސަރު ނުކުރާ ޚަބަރުތައް ގެނަސް ދީފައެވެ.
އަދި އެކަހެރިކޮށް ހުންނަ ސަރަހައްދުތަކާއި ރެފިއުޖީން އާބާދުވެފައިވާ ތަންތަނުގައި ތިބޭ މީހުންނަނީ މި ބްރޯޑްކާސްޓްތަކަށް ބަރޯސާވާ މީހުންނެވެ. އަދި މިއީ ހަމައެކަނި މައުލޫމާތު ނޫން ކަމަށާއި، މިއީ އައިޑެންޓިޓީއާއި އެއްބައިވަންތަކަން ކަށަވަރުކުރުމަށް ވަސީލަތެއް ކަމަށް މިރޭޑިއޯގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޝޯޓްވޭވް ރޭޑިއޯ އަކީ ޓިބެޓް ސަރަހައްދުގައި ސެންސަރު ނުކުރާ މައުލޫމާތު ހޯދުމަށް އިތުބާރު ކުރެވޭ މަދު ވަސީލަތްތަކުގެ ތެރޭން ވަސީލަތެއް ކަމަށެވެ. އަދި ސިޔާސީ ހިމާޔަތުގައި އަރުވާލެވިފައިވާ މީހުންނަށް މި ބްރޯޑްކާސްޓްތަކުގެ ސަބަބުން ކާބަފައިންގެ ހަނދާނާ ގުޅުމަށް އެހީތެރިވެދީ، ބޮޑެތި މީހުންނަށް ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށް ދިއުމުގެ އިހުސާސް ލިބިގެން ގޮސްފައިވާ ކަމަށް ބުނެއެވެ.






