ސިޔާސީ ހިމާޔަތުގައި އުޅޭ ޗައިނާއިން ބަލައި ނުގަންނަ އިރުމަތީ ތުރުކިސްތާންގެ ސަރުކާރު (އީޓީޖީއީ) އިން ވަނީ އެމީޙުންގެ މީހުންނަށް ދިމާވާ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމަށް ސުވީޑަންގެ ސަރުކާރަށް ގޮވާލާފައެވެ. މިގޮތުން ގޮވާލާފައިވަނީ ޗައިނާއިން އީސްޓް ޓާކިސްތާނުގެ އުއިގުރު، ކަޒަކު، ކިރުގިޒު އަދި އެހެނިހެން ތުރުކީ ދަރިކޮޅު ނަސްލު މީހުންނަށް ކުރަމުންދާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ.
މި ގޮވާލުން އައިސްފައިވަނީ އޮކްޓޯބަރ 16-17 ގައި ސުވީޑަނާއި ޗައިނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޑިޕްލޮމެޓިކް ބައްދަލުވުމުގެ ކުރިންނެވެ. އީޓީޖީއީ އިން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި އަންހެނުން މަޖުބޫރުން ދަރިމައެި ނުވާ ގޮތް ހެދުމާއި، ކޭމްޕްތަކުގައި ބަންދުކުރުމާއި، އެއް މިލިއަނަށްވުރެ ގިނަ ކުދިން ވަކިކޮށް އާއިލާތަކާ ދުރުކޮށްފައިވާ ކަމަށް ތުހުމަތު ކުރުން ހިމެނެއެވެ.
މިފަދަ ތުހުމަތުތައް ޗައިނާ ސަރުކާރާ ދެކޮޅަށް ކުރުމުން ޗައިނާއިން ވަނީ މިއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެ ރައްދު ދީފައެވެ.
ޗައިނާއިން އިރުމަތޫީ ތުރުކިސްތާން ޗައިނާގެބައެއް ކަމަށް ހަމަޖެއްސީ މީގެ 76 އަހަރު ކުރިންނެވެ. އަދި 70 އަހަރު ކުރިން ޗައިނާއިން ވަނީ އެ ސަރަހައްދުގެ ނަން "ޝިންޖިއާންގ އުއިގަރ އޮޓޮނޮމަސް ރީޖަން" އަށް ބަދަލު ކޮށްފައެވެ. އީޓީޖީއީ އިން ވަނީ ސުވީޑަނުގެ ސަރުކާރުން އީސްޓް ޓަރކިސްތާނަކީ އިސްތިއުމާރުކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފައެވެ. އަދި ޑިސެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޯމް ސްޓެޓިއުޓްގެ އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސްގައި މިކަން ފާހަގަކުރުމަށްވެސް ގޮވާލާފައި ވެއެވެ.






