ނިއުސްވީކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ވޯލްޑް ޑައިރެކްޓަރީ އޮފް މޮޑަން މިލިޓަރީ އެއަރކްރާފްޓް ރޭންކިންގްސް އިން ދައްކާގޮތުގައި އިންޑިއާގެ ވައިގެ ސިފައިންގެ ބާރު މިހާރު ވަނީ ޗައިނާގެ ވައިގެ ސިފައިންގެ ބާރަށްވުރެ ކުރިއަރައި، ދުނިޔޭގެ އެންމެ ވަރުގަދަ 3 ވަނަ ވައިގެ ސިފައިންގެ ބާރަށް ވެފައެވެ. ދުނިޔޭގެ އެންމެ ކުރީގައި އަދިވެސް ތިބީ އެމެރިކާ އާއި ރަޝިއާ އެވެ. އަދި އިންޑިއާ އިން 3 ވަނަ ހޯދާފައިވާ މި ކުރިއެރުމަކީ އޭޝިއާގެ ސްޓްރެޓެޖިކް ބެލެންސަށް އައި ބޮޑު ބަދަލެއް ކަމަށް ނިއުސްވީކްއިން ބުނެއެވެ.
އިންޑިއާގެ ޓްރޫވަލް ރޭޓިންގް (ޓީވީއާރް) އަކީ 69.4 އެވެ. މިއީ ޗައިނާގެ 58.1 އަށްވުރެ މަތީ ސްކޯ އެކެވެ. އިންޑިއާގެ ވައިގެ ސިފައިންގެ ބާރުގައި ޖުމްލަ 1,716 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި 31.6 އިންސައްތައަކީ ފައިޓަރ ޖެޓް އެވެ. އަދި 29 އިން ސައްތައަކީ ހެލިކޮޕްޓަރެވެ. އަދި 22 އިންސައްތައަކީ ޓްރެއިނިންގ އެއަރކްރާފްޓް އެވެ.
އިންޑިއާގެ މި ކުރިއެރުމަށް މަގުފަހިވެފައިވަނީ އެމެރިކާ އާއި ރަޝިއާ ފަދަ ގައުމުތަކުން މަތިންދާބޯޓު ގަތުމާއި ތައްޔާރީ ހާލަތަށް ބަދަލު ގެނައުމެވެ. އަދި އޮޕަރޭޝަން ސިންދޫރުގައި ޕާކިސްތާނާއި ޕާކިސްތާން އިން ހ ިފާފައިވާ ކަޝްމީރުގައި ހިންގި ހަމަލަތަކުން އިންޑިއާގެ ޤާބިލްކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް އެ މަޖައްލާއިން ބުނެއެވެ. މި ބަދަލަކީ މިހާރުގެ ހަނގުރާމަތަކުގައި ގައުމުތަކުން ވައިގެ ސިފައިންގެ ބާރުގެ މުހިންމުކަން އިތުރުކުރަމުން އަންނަ ދަނޑިވަޅެއްގައި، ސަރަޙައްދީ އަދި ދުނިޔޭގެ ދިފާއީ ރޭވުންތަކުގައި އިންޑިއާގެ ދައުރު ފުޅާވެފައިވާ ކަން ދައްކައިދޭ ކަމެކެވެ.





