ޕޯޗުގަލްގެ ޕާލިމަންޓުން ވަނީ އާންމު ތަންތާނގައި ބުރުގާ އަޅައިގެން އުޅުން މަނާކޮށް ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ދަށުން މަގުމަތި، ސްކޫލް، ހޮސްޕިޓަލް އަދި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ފަދަ އާންމު ތަންތާނގައި ބުރުގާ އެޅުމާއި މޫނު ނިވާ ކުރުން މަނާ ކޮށްފައި ވެއެވެ. މި ގާނޫނާ ޚިލާފުވާ ފަރާތްތަކަށް 200 ޔޫރޯއިން 4،000 ޔޫރޯއާ ދެ ެމދުގެ އަދަދކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަންހެނުން މިފަދަ ހެދުން ލެއްވުމަށް މަޖުބުރު ކުރާ ފަރާތްތަކަށް 3 އަހަރާ ހަމައަށް ޖަލު ޙުކުމް އިއްވޭނެއެވެ.
ހައްދުފަހަނައަޅާފައިވާ ކަނާތުފިޔަ ޕާޓީ ޗެގާއިން ހުށަހެޅި މި ބިލަކީ ޑިމޮކްރަސީއާއި ސަލާމަތާއި އަންހެނުންގެ ޙައްޤުތަކަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ބިލަށް ތާއިދުކުރާ ފަރާތްތަކުން ބުނެއެވެ. މިއީ ފްރާންސާއި ބެލްޖިއަމް އަދި އޮސްޓްރިއާ ފަދަ ހައްދުފަހަނައަޅާފައިވާ އިސްލާމޯފޯބިއާގެ ފިކުރުގެ ޤައުމުތަކުގައިވެސް ޢަމަލުކުރަމުންދާ ފަދަ ގާނޫނެކެވެ.
ނަމަވެސް، ޕޯޗުގަލްގެ އާބާދީގެ ތެރެއިން 50،000 މުސްލިމުން ތަމްސީލުކުރާ އިސްލާމިކް ކޮމިއުނިޓީއާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި ބިލަށް ފާޑުކިޔައި ފައެވެ. އަދި މިއީ މުސްލިމް އަންހެނުންގެ ދީނީ މިނިވަންކަމާއި އަމިއްލ އިޚްތިޔާރަށް ހުރަސްއެޅޭ ގާނޫނެއް ކަމަށް ބުނެފައިވެއެވެ. މި ބިލު ގާނޫނަކަށް ވާނީ ރައީސް މާސެލޯ ރެބެލޯ ޑި ސޫސާ ސޮއިކުރެއްވުމުންނެވެ.





