މުވައްޒަފެއްގެ އެކައުންޓަށް އެންމެންގެ މުސާރަ ޖަމާވެ، ފައިސާ އަނބުރާ ދިނުމަށް އިންކާރުކޮށްފި

ސޮފްޓްވެއަރއަށް ދިމާވި މައްސަލައެއްގެ ސަބަބުން ރަޝިއާގެ ޚާންތީ-މަންސީ ސިޓީގައި ހުންނަ ފެކްޓަރީއެއްގެ މުވައްޒަފެއްގެ އެކައުންޓަށް، އެތާގެ ހުރިހާ ސްޓާފުންގެ މުސާރަ ޖަމާވުމުން، އެ ފައިސާ އަނބުރާ ދިނުމަށް އޭނާ އިންކާރުކޮށްފިއެވެ. ޖަމާވި ފައިސާގެ އަދަދު 7 މިލިއަން ރަޝިއަން ރޫބަލް (ގާތްގަނޑަކަށް 87،000 އެމެރިކާ ޑޮލަރު) އަށް އަރައެވެ. މި މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހެޅިފައެވެ.

ރިޕޯޓްތައް ބުނާގޮތުން، މި އަހަރުގެ ކުރީކޮޅު ވްލަޑީމިއަރ ރިޗާގޯވް އޭނާގެ ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ލިބުނު މެސެޖު ފެނުމުން އެކަން އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ އަންދާޒާ ކުރި ގޮތުގައި އޭނާއަށް ޗުއްޓީގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 46،000 އަށް ވުރެ ގިނަ ރޫބަލް (581 ޑޮލަރު) ލިބޭނެއެވެ. ނަމަވެސް، އެ މުސާރައާއެކު ގާތްގަނޑަކަށް 7 މިލިއަން ރޫބަލްގެ ބޮޑު އަދަދެއް ޖަމާވުމަކީ އޭނާއަށް ބޮޑު ހައިރާންކަމެއް ގެނުވި ކަމެކެވެ. ފެކްޓަރީގެ މުވައްޒަފުންގެ ތެރެއިން ބައެއް މީހުން ބުނެފައިވާ ގޮތުގައި، އެ އަހަރުގެ މާލީ ހާލަތު ރަނގަޅުވުމާ ގުޅިގެން މުވައްޒަފުންނަށް ބޯނަސް ދިނުމަށް ފެކްޓަރީން އޮތީ ރާވާފައެވެ. އެހެންނަމަވެސް މިހާ ބޮޑު އަދަދެއްގެ ބޯނަހެއް ލިބޭނެ ކަމަކަށް ވްލަޑީމިއަރ ވެސް ހިޔާލެއް ނުކުރެއެވެ.

ވްލަޑީމިއަރ ރިޗާގޯވް މިލިއަނަރަކަށް ވުމުގެ އުފާވެރިކަން ދެމިހުރީ ކުޑަ ވަގުތުކޮޅަކަށެވެ. އެސާހިތަކުން ފެކްޓަރީގެ އެކައުންޓްސް ޑިޕާޓްމަންޓުން އޭނާއަށް ފޯނުކޮށް، އެކައުންޓަށް ފައިސާ ޖަމާކުރެވުނީ ގޯހަކުން ކަމަށާއި 7 މިލިއަން ރޫބަލް ޖަމާވެފައިވާނެ ކަމަށާއި، އެ ފައިސާ އަނބުރާ ދިނުމަށް އޭނާގެ ކިބައިން އެދުނެވެ. ވްލަޑީމިއަރ ބުނިގޮތުގައި އޭނާ އިންޓަރނެޓުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި މިފަދަ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއްނަމަ، އެ ފައިސާ އަނބުރާ ދިނުމައި ނުދިނުން އޮންނަނީ އެ މީހެއްގެ ބާރުގެ ދަށުގައެވެ. ނަމަވެސް އެއީ ބިލިންގ ގޯހެއްނަމަ، އެ މީހަކު އެ ފައިސާ އަނބުރާ ދިނުމަށް ބާރު އެޅޭނެއެވެ. އެހެންކަމުން، އޭނާ ނިންމީ ކުންފުނީގެ ގޯހަކުން ޓްރާންސްފަރ ކުރެވުނު މުސާރަ އަނބުރާ ނުދިނުމަށެވެ.

ވްލަޑީމިއަރ އިންކާރު ކުރުމުން މައްސަލަ ކޯޓަށް ހުށަހެޅިއެވެ. ކުންފުނިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވަނީ، 34 މުވައްޒަފުންގެ މުސާރަ ކުންފުނީގެ ބްރާންޗް އެކައުންޓަށް ޓްރާންސްފަރ ކުރަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ފައިސާ ވްލަޑީމިއަރ ރިޗާގޯވްގެ އެކައުންޓަށް ޖަމާވީ ކަމަށާއި، އެހެންކަމުން ވްލަޑީމިއަރަށް އެ ފައިސާ އަނބުރާ ދިނުމަށް ބާރު އެޅޭނެ ކަމަށެވެ. ވްލަޑީމިއަރ ބުނިގޮތުގައި ފައިސާ އަނބުރާ ދިނުމަށް ކުންފުނިން އެދުނު އެދުންތައް މިހާރު ވަނީ އޭނާއަށް ބިރުދެއްކުމަށް ބަދަލުވެފައެވެ. އެހެންކަމުން އޭނާ ނިންމީ އެ ފައިސާއިން އާ ކާރަކާއި ގެއެއް ގަނެ، އެ ސިޓީ ދޫކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލު ކުރާށެވެ. ނަމަވެސް އޭނާ އާ ގެއަށް ބަދަލުވާން އުޅުނު ވަގުތު، ފެކްޓަރީން އޭނާގެ މައްޗަށް ދައުވާކޮށް އޭނާގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ.

ކުންފުނިން ވްލަޑީމިއަރގެ މައްޗަށް ތުހުމަތުކުރީ، އެކައުންޓެންޓަކާ ގުޅިގެން ކުންފުންޏަށް މަކަރު ހެދި ކަމަށެވެ. ނަމަވެސް، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓުން ވަނީ މި ތުހުމަތުތައް ބާތިލްކޮށް، ވްލަޑީމިއަރ ކުންފުންޏަށް 87،000 ޑޮލަރު އަނބުރާ ދިނުމަށް އަމުރުކޮށްފައެވެ. ނަމަވެސް ވްލަޑީމިއަރ ވަނީ މި ނިންމުން ސުޕްރީމް ކޯޓުގައި ޗެލެންޖް ކޮށްފައެވެ. އެހެންކަމުން މިހާތަނަށް ކުންފުންޏަށް އެ ފައިސާ ލިބިފައެއް ނުވެއެވެ. ފެކްޓަރީން ބުނެފައިވަނީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!