އާންމުކޮށް މީހުން ދެކެނީ ކާނާއިން ޖެހޭ ބަލިތަކަކީ ގެއިން ބޭރުން ކެއުމާއި، މަގުމަތީގައި ހުންނަ ސާފުތާހިރުކަން ކުޑަ ތަންތަނުން ކާ ކާނާއިންނާއި މުއްދަތު ހަމަވެފައިވާ ތަކެތިން ކެއުމުން ދިމާވާ ކަންކަން ކަމަށެވެ. ނަމަވެސް، އާ ދިރާސާތަކުން ދައްކާ ގޮތުގައި ކާނާއިން ޖެހޭ ބަލި މެދުވެރިވުމުގައި އެންމެ ބޮޑު ނުރައްކަލެއް ފޮރުވިފައި ވަނީ ގޭގެ ބަދިގޭ ގައެވެ. ތަހުލީލުތަކުން ދައްކަނީ، ބަދިގޭގައި އާންމުކޮށް ބޭނުންކުރާ ސާމާނުތަކުގައި ނުރައްކާތެރި މިންވަރަކަށް ޖަރާސީމު ހުންނަ ކަމަށެވެ. މިފަދަ ދިރާސާއަކުން ދައްކަނީ، 90 އިންސައްތައަށް ވުރެ ގިނަ ބަދިގޭގައި ތަށިދޮންނަ ސްޕަންޖާއި އަދި، 81 އިންސައްތަ ބަދިގެތަކުގައި ސައިބޯނި ބަހައްޓާ ތަށިތަކުން އީ. ކޯލައި އަދި ކޮލިފޯމް ބެކްޓީރިއާ ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން، މަހާއި ތަރުކާރީ ކޮށަން ބޭނުންކުރާ ބޯޑުތަކާއި، ވަޅިތަކާއި، ކަބަޑާއި ފްރިޖްގެ އަތްގަނޑުތަކާއި، އުނދުނުގެ ގޮބުތަކުގައި ވެސް ނުރައްކާތެރި މިންވަރަކަށް ޖަރާސީމު ހުންނަ ކަމަށް ދައްކައެވެ.
ބައެއް ހާލަތްތަކުގައި މި ތަންތާނގައި ހުންނަ ޖަރާސީމުގެ މިންވަރު، ގޭގެ ފާޚާނާތަކުގެ ދޮރުތަކުގެ އަތްގަނޑުގައި ހުންނަ މިންވަރާ އެއްވަރު ކަމަށް ދައްކައެވެ.
މި މައްސަލައަކީ ކޮންމެ ގެއެއްގެވެސް މައްސަލައެކެވެ. ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކާ ގޮތުގައި، 89 އިންސައްތަ ބަދިގޭގައި ބޭނުންކުރާ އަތް ފޮހޭ ތުވާލިތަކުގައި އާންމުކޮށް ކޮލިފޯމް ޖަރާސީމު ހުރެއެވެ. އަދި އޭގެތެރެއިން 25 އިންސައްތަ ތުވާލިތަކުގައި އީ. ކޯލައި ހުންނަކަމަށްވެސް ފެނިފައި ވެއެވެ.
ތަށި ދޮންނަން ބޭނުން ކުރާ ސްޕަންޖާއި، ތަށިދޮންނަ ސައިބޯނި އަޅާފައި ހުންނަ ފުޅިއާއި ތެލީގައި ހިފަން ގެންގުޅޭ ފޮއްޗާއި އަތް ފޮހޭ ފޮތިތަކަކީ ސަލްމޮނެއްލާ އަދި ލިސްޓީރިއާ ފަދަ ޖަރާސީމުތައް ވެސް އަށަގަތުމަށް އެދެވޭ މާހައުލުތަކެކެވެ.
މާހިރުން ބުނާ ގޮތުގައި، މިކަންކަމަށް އޮތް ފަރުވާއަކީ، ރަނގަޅަށް އަތް ދޮވުމާއި، ކައްކާފައި ހުންނަ ތަކެއްޗާއި ރޮލާ ހުންނަ ތަކެތި ވަކިކޮށްފައި ބެހެއްޓުމާއި، ބަދިގޭގެ ސާމާނުތައް މަތީފެންވަރަކަށް ސާފުކޮށްފައި ބެހެއްޓުމާއި ސާފުތާހިރުކަމަށް ފަރުވާތެރިވުން ކަމަށެވެ.
ބަދިގޭގައި ޖަރާސީމު އަށަގަތުމާ ގުޅޭ ހައިރާންކުރުވަނިވި ހޯދުމުގައި އެންމެ ބޮޑު ނުރައްކަލެއް ފޮރުވިފައި އޮންނަނީ ތަށިދޮންނަން ބޭނުންކުރާ ސްޕޮންޖާއި ސައިބޯންނީގައެވެ. އަދި ތެތްކޮށް ހުންނަ ތަށިތަކުގެ ތެރޭގައި ކާނާގެ ބާކީ ހުރުމާއި އަދި މުޅަ ކާނާ ހަރުލާ ތަކެތިން ޖަރާސީމު އާލާވުމަށް އެހީވެދެއެވެ.
މިކަންކަމަށް އޮތް ފަރުވާއަކީ ސްޕޮންޖު ކޮޅު އަވަސްއަވަހަށް ބަދަލު ކުރުމާއި ދަށި ދޮތުމަށް ދިޔާ ސައިބޯނި ބޭނުން ކުރުމެވެ.
ކާނާގެ ސަލާމަތީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބަދިގެތަކުގައި ހުންނަ ޖަރާސީމުގެ ނުރައްކަލަށް ހައްސާސްވާން ޖެހެއެވެ. އަދި އެއީ، ކެމިކަލްއާއި ފަނިފަކުސަަ މަރާން ބޭނުން ކުރާ ބޭހުގެ ނުރައްކަލާ އެއްވަރުގެ ކަމެއް ކަމަށް ބަލައިގެން އެއަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.
ހަމައެފަދައިން، ގަވާއިދު ހަދާ އިދާރާތަކާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ބަދިގޭގެ ސާފުތާހިރުކަމުގެ މުހިންމުކަމަށް މީހުން ހޭލުންތެރި ކުރަން ޖެހެއެވެ. އަދި، ރައްކާތެރި އާދަތައް އަށަގެންނެވުމަށް މިފަރާތްތަކުގެ ޒިންމާއެއް އޮތް ކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.
ބަދިގޭގެ ރައްކާތެރިކަމަށްޓަކައި ދޭ ލަފާ
ބަދިގޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުން ތަޖުރިބާކާރުން ގޮވާލައެވެ.
-
ތަށި ދޮންނަ ސްޕަންޖް، ކުނިވަންދެން ނުބާއްވައި އަވަސް އަވަހަށް ބަދަލުކުރުން
-
ޖަރާސީމު ފެތުރުން ކުޑަކުރުމަށްޓަކައި ގަނޑު ސައިބޯނި ނުވަތަ ދަޅުގައި ހުންނަ ސައިބޯނީގެ ބަދަލުގައި ތަށި ދޮންނަ ދިޔާ ސައިބޯނި ބޭނުން ކުރުން.
-
ބަދިގޭގައި ސާމާނު ބަހައްޓާ ތަންތަން އަބަދުވެސް ހިއްކާފައި ބެހެއްޓުން؛ ތެތް މާހައުލުގައި ޖަރާސީމު އަވަހަށް އާލާވާނެއެވެ.
-
ފްރިޖާއި އެހެނިހެން ސާމާނާއި ތަންތަން އަބަދުވެސް ރަނގަޅަށް ސާފުކޮޮށްފައި ބެހެއްޓުން.
-
ބާޒާރުން ގެންނަ ސާމާނު ދޮވުމަކާ ނުލައި ފްރިޖަށާއި ކަބަޑަށް ނުލުން
-
ކައްކަން ބޭނުންކުރުމުގެ ކުރިން ތަރުކާރީ، މަސް، އަދި އެހެނިހެން ކާނާ ރަނގަޅަށް ދޮވުން.
-
ކާނާ ރައްކާކުރާއިރު ބަންދު ކޮންޓެއިނަރުތައް ބޭނުންކުރުމާއި، ހަލާކުވެދާނެ ތަކެތި ފިނިކޮށް ބެހެއްޓުން.
-
ކައްކާފައި ނުވާ ތަކެތީގައި އަތްލުމުގެ ކުރިންނާއި ފަހުން ރަނގަޅަށް އަތް ދޮވުމުގެ އާދަ އަށަގެންނެވުން.
ބަދިގެއަކީ ގޭގެ ސިއްޙަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނާރެހެވެ. އެތަން ވާންޖެހޭނީ ގެއަށް ވަންނަ ނުރައްކާތަކުން ރައްކާތެރިކޮށްދޭ އެންމެ ފުރަތަމަ ދިފާޢީ މަރުކަޒަށެވެ. އެހެންކަމުން، އާއިލާގެ ސިއްހަތު ރައްކާތެރިކުރުމަށް ބަދިގޭގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.







