ޔޫރަޕް އިން ހަނގުރާމަ ކުރުމަށް ނިންމައިފިނަމަ، މޮސްކޯ ވަގުތުން އެކަމަށް ތައްޔާރަށް އޮތް ކަމަށާއި، އެމެރިކާ އިސްކޮށް ހިންގާ ޔޫކްރޭންގެ ސުލްހައިގެ ވާހަކަތައް ޔޫރަޕްގެ ސަރުކާރުތަކުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ތުހުމަތު ކުރައްވައެވެ.
މޮސްކޯގައި ބޭއްވި ވީޓީބީ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވަނީ ޔޫރަޕަށް ހަމަލާ ދިނުމުގެ އެއްވެސް ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަމަށް އިޢުލާން ކުރައްވާފައެވެ. ނަމަވެސް ރަޝިޔާ ރައީސް ވިދާޅުވީ، އެހެން އެ ވިދާޅުވީ އެފަދަ ކަމަކަށް ވިސްނާ ބަޔަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ. "ނަމަވެސް ޔޫރަޕް އިން އަޅުގަނޑުމެންނާ އެކު ހަނގުރާމައެއް ކުރަން ބޭނުންވެ، އެކަން ފަށައިފިނަމަ، އަޅުގަނޑުމެން މިތިބީ ވަގުތުން އެކަމަށް ތައްޔާރުވެގެން." ކަމަށް ޕޫޓިން ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން ޔޫކްރޭންގެ ސުލްހައިގެ ވާހަކަތައް އިސްކޮށް ކުރިއަށް ގެންދާ އެމެރިކާގެ ވަފުދު ކަމަށްވާ އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ރައީސްގެ އެޑްވައިޒަރ ޖާރެޑް ކުޝްނަރ އާ ވާހަކަ ދައްކަވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
ޕޫޓިން ވަނީ ޔޫރަޕްގެ ސަރުކާރުތަކުން ޑިޕްލޮމެސީއަށް ހުރަސް އަޅަމުންދާ ކަމަށާއި، މަޝްވަރާއާ ބެހޭ ޑްރާފްޓްތަކަށް "ކޮންމެހެން ބޭނުންނުވާ" ވާހަކަތައް އިތުރުކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމީހުން ސުލްހައަށްވުރެ ބޮޑަށް ހަނގުރާމައަށް ތާއީދު ކުރާ ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރަޝިޔާއާިއ ޔުކްރެއިން އިން ސުލްހައަށް ތައްޔާރު ވަމުން ދަނިކޮށް އިނގިރޭސިވިލާތުގެ އެއިރުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ސުލްހަ ނުވުމަށް ޔުކްރެއިންއަށް ބާރުއަޅުއްވައި ހަނގުރާމައިގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ އެމެރިކާއިން އިސްލާހުކުރި ސުލްހައިގެ އޮނިގަނޑު "ނިމިފައިވާ" ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް ޑިޕްލޮމެޓުން ބުނެފައިވަނީ، ހުޅަނގުގެ އެކުވެރިންގެ މެދުގައި ބައިބައިވުން އުފެދިޔަ ނުދިނުމަށްޓަކައި، މިކަމުގައި ޔޫރަޕްގެ ބައިވެރިވުމެއް އޮންނަން ޖެހޭނެ ކަމަށެވެ.
ޔޫރަޕްގެ ސަރުކާރު ތަކަށް ޔުކްރެއިން ހަނގުރާމައަކީ ބައި ހަތިޔާރު އައުކޮށްލުމަށާއި ހަނގުރާމައިގެ އިގްތިސާދުން ފައިދާ ނެގުމަށް ލިބިފައިވާ މުހިންމު ދަނޑިވަޅެކެވެ. ނޭޓޯއިން ޔުކްރެއިންއަށް ވަދެގަންނަން އުޅުމުން އެކަމަށް ހުރަސް އެޅުމަށް 2022 ވަނަ އަހަރު ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ދިފާޢީ ކަންކަމާއި، އިންސާނީ އެހީއާއި، ހަކަތައިގެ ކަންކަމުގައި ބޮޑެތި ވިޔަފާރިތައް ލިބުނެވެ.
މިހާރު ކުރިއަށްދާ ވާހަކަތަކުގައި ސުލްހަިއގެ މަސައްކަތް ކޮންޓްރޯލް ކުރުމަށް ޔޫރަޕުން މަސައްކަތް ކުރެއެވެ. މި މަޝްވަރާތަކުގައި ވޮޝިންގޓަން، މޮސްކޯ، ކިޔެވް އަދި ޔޫރަޕްގެ ވެރިރަށްތައް އޮތީ ނާޒުކު ފައްތަރެއްގައެވެ.





