މިޔަންމާގެ މަންޑަލޭ ރީޖަންގެ މޯގޯކް ސަރަހައްދުން 11،000 ކެރަޓުގެ ބޮޑު ރޫބީއެއް (ޔާގޫތެއް) ފެނިއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ހުކުރު ދުވަހު އިއުލާންކޮށްފިއެވެ. މިއީ ދުނިޔޭގެ ނިސްބަތުންވެސް މަދުން ނޫނީ ނުފެންނަ ފަދަ ބޮޑު އަދި އަގުބޮޑު ޖަވާހިރެކެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޔާގޫތަކީ "އާދަޔާ ޚިލާފަށް ބޮޑު، ނުހަނު މަދުން ނޫނީ ނުފެންނަ، އަދި ހޯދަން އުނދަގޫ" ބާވަތެއްގެ ޖަވާހިރެއް ކަމަށެވެ. މި ޖަވާހިރުގެ ކުލައަކީ ދަނބު ކުލައަކަށްދާ ރަތް ކުލައެއް ކަމަށާއި، އޭގެ ތެރޭގައި ރަންކުލައިގެ ދިހުނެއް ހުންނަ ކަމަށްވެސް ބަޔާނުގައިވެއެވެ. މިކަމުގެ ސަބަބުން މިއީ ކުލައިގެ ގޮތުން އެންމެ މަތީ ފަންތީގެ ޖަވާހިރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ ކުރިން 1996 ވަނަ އަހަރުވެސް މި ސަރަހައްދުން 21،450 ކެރަޓުގެ ޔާގޫތެއް ފެނިފައިވެއެވެ. ނަމަވެސް، މިހާރު ފެނުނު 11،000 ކެރަޓުގެ ޔާގޫތަކީ އޭގެ ކުލަޔާއި، ސާފުކަމާއި، ޖުމްލަ ފެންވަރު މާ ބޮޑަށް ވެސް ރަނގަޅުވުމުގެ ސަބަބުން، މީގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެހެންނަމަވެސް، މި ޖަވާހިރުގެ ސީދާ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ.
މޯގޯކް ވާދީއަކީ ތާރީހީ ގޮތުންވެސް ދަނބު ކުލައަށް ދާ އެންމެ އަގުބޮޑު ރޫބީ ފެންނަ ސަރަހައްދެވެ. މިޔަންމާގެ މޯގޯކް ރޫބީއަކީ ދުނިޔޭގައިވެސް އެންމެ އަގުބޮޑު ޖަވާހިރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މީގެ ތެރެއިން އެންމެ މަތީ ފަންތީގެ ޖަވާހިރުތައް ދުނިޔޭގެ ބާޒާރުގައި އެތައް މިލިއަން ޑޮލަރަކަށް ވިކެއެވެ.
މިޔަންމާގައި 2021 ވަނަ އަހަރު ގެނައި އަސްކަރީ ބަޣާވާތަށްފަހު ދާޚިލީ ހަނގުރާމައެއް ހިނގަމުންދާއިރު، މިދިޔަ މަހު ވަނީ ހަރުކަށި އުސޫލުތަކަކާއެކު ބޭއްވި އިންތިޚާބަކަށްފަހު ކުރީގެ އަސްކަރީ ވެރިޔާ މަދަނީ ރައީސެއްގެ ގޮތުގައި މަގާމުގެ ހުވާ ކުރައްވާފައެވެ. އެ ގައުމުގެ ޖަވާހިރު ނެގުމުގެ ސިނާއަތަކީ ގަވާއިދުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރެވޭ ސިނާއަތެއް ނޫން ކަމަށް ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނެއެވެ.






