ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކުރު ވީޑިއޯއަކުން ނަގާފައިވާ މަންޒަރުން ފެންނަނީ އިންސާނާގެ ހިތް ކުދިކުދިކޮށްލާ ފަދަ ހިތްދަތި މަންޒަރެކެވެ. ފަލަސްތީނުގެ ކުޑަކުއްޖަކު އޭނާގެ ދެއަތުން ދެ ފެން ޓައްޕު ހިފަހައްޓައިގެން ހުރިއިރު، ތިންވަނަ ފެން ޓައްޕު އުފުލަމުންދަނީ އޭނާގެ ދަތްޕިލައިންނެވެ. މިއީ ހަމައެކަނި ފޮޓޯއެއް ނޫނެވެ. މިއީ އެމެރިކާގެ ޕްރޮކްސީ، ޔަހޫދީ ޒަޔަނސިްޓުން ހިންގި އދން ލޭބަލް ކޮށްފައިވާ ފަލަސްޠީނުގެ ޖެނޮސައިޑް ހިސާރުގެ ސަބަބުން ޣައްޒާގެ އާންމުންނާއި، ހާއްސަކޮށް ކުޑަކުދިން ތަހައްމަލު ކުރަމުންދާ ނިކަމެތިކަމުގެ ހެކިބަހެކެވެ.
އެ ކުއްޖާ އުފުލަމުންދާ ކޮންމެ ފެން ޓައްޕެއްގައި ގާތްގަނޑަކަށް 10 އާއި 12 ލީޓަރުގެ ފެން ހުރެއެވެ. ވަރުބަލިކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ފިޔަވަޅުތައް ބަރުހެލިވެފައިވާ އެ ކުއްޖާގެ މޫނުމަތިން ފެންނަނީ، އާއިލާއަށް ފެންފޮދެއް ހޯދައިދިނުމަށްޓަކައި ކުރަންޖެހިފައިވާ ހިތްދަތި މަސައްކަތެވެ. ޣައްޒާގެ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ޔަހޫދީން ސުންނާފަތިކޮށްލާފައިވުމުގެ ސަބަބުން، މިއަދު އެ ސަރަހައްދުގެ ކުޑަކުދިން ވަނީ ކުޅުމާއި އުފާވެރިކަމާ ދުރަށް، ބަރު އަދި ވޭންދެނިވި މަސައްކަތްތައް ކުރަން މަޖުބޫރުވެފައެވެ.
ޣައްޒާގެ ވޯޓަރ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް، ޑރ. މުންޛިރު ސާލިމް ހާމަކުރެއްވި ގޮތުގައި، ޣައްޒާގެ ހާލަތު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. ތަފާސްހިސާބުތަކުން އެކަނިވެސް ބިންގަނޑު ގުޑައިގެންދާ ފަދަ ހަގީގަތް ހާމަވެއެވެ.
- ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ސާފު ބޯފެން ލިބުމުގެ އެއްވެސް މަގެއް ނެތެވެ.
- ހަނގުރާމައިގެ ކުރިން ދުވާލަކު މީހަކަށް 80 އާއި 100 ލީޓަރުގެ ފެން ލިބުނު ނަމަވެސް، މިހާރު ލިބެނީ އެންމެ 7 ލީޓަރުގެ ފެނެވެ.
- ފެނާއި ނަރުދަމާ ނިޒާމުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރެއް ވަނީ ޔަހޫދީން އެއްކޮށް ސުންނާފަތިކޮށްލާފައެވެ.
ޣައްޒާގައި ހުރި ފެން ސާފުކުރާ މަރުކަޒުތަކުގެ 85 އިންސައްތަ މިހާރު ވަނީ މުޅިން ހުއްޓިފައެވެ. ރަހުމެއްނެތް ޔަހޫދީ ހަމަލާތަކުގައި މައި ފެން ހޮޅިތަކާއި ޕަމްޕުތައް ގަސްތުގައި ޒަޔަނިސްޓުން ހަލާކުކޮށްލާފައިވުމުން، ރެފިއުޖީ ކޭމްޕުތަކުގައި ތިބި ނިކަމެތި އާއިލާތަކަށް ފެން ފޯރުކޮށްދެވެނީ ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ ވެސް ގިނަ ދުވަސްތަކުން ދަތުރުކުރާ ޓޭންކަރުތަކުންނެވެ.
ފޮޓޯއިން ފެންނަ ކުއްޖާގެ ދަތްޕިލައިގައި ހުރި ބާރަކީ، ހަމައެކަނި ފެން ޓައްޕެއް ހިފެހެއްޓުމުގެ ބާރެއް ނޫނެވެ. އެއީ އެމެރިކާއާއި އެމެރިކާގެ ޕްރޮކްސީ ޒަޔަނިސްޓު ޖެނޮސައިޑް ބާރުގެ ކުރިމަތީގައި ނިކަމެތި ފަލަސްތީނުގެ ސާބިތުކަން ދައްކުވައިދޭ ހިތްވަރެކެވެ.





