އިސްރާއީލުގެ ޖެނޮސައިޑް ބާރުތަކުން މަޖުބޫރުކުރުމުގެ ސަބަބުން، އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނު އާއިލާތަކުން އަމިއްލައަށް އެމީހުންގެ ދިރިއުޅޭ ގެތައް ތަޅާލަން ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.
ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ގުދުސްގެ ފަލަސްތީނުގެ 13 ރައްޔިތަކަށް ވަނީ އެމީހުންގެ ގެތައް އަމިއްލައަށް ތަޅާލުމަށް އިސްރާއީލު ކޯޓުތަކުންނާއި އިދާރާތަކުން އަމުރުކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ބުލްޑޯޒަރުތައް ބޭނުންކޮށްގެން ފަލަސްތީނު މީހުންގެ 14 އިމާރާތެއް ތަޅާލާފައިވާއިރު، އިތުރު 26 އިމާރާތެއް ތަޅާލުމުގެ ނޯޓިސް ވަނީ ނެރެފައެވެ.
އިސްރާއީލުގެ ޖެނޮސައިޑް އިދާރާތަކުން ފަލަސްތީނު މީހުންގެ ގެތައް ތަޅާލަން އަމުރުކުރަނީ ހުއްދަ ނެތި އިމާރާތްކުރި ކަމުގެ ބަހާނާގައެވެ. ނަމަވެސް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ފާހަގަކުރާ ގޮތުގައި، ގުދުސްގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އިސްރާއީލުން އިމާރާތްކުރުމުގެ ހުއްދަ ހޯދުމަކީ މުސްތަޙީލު ކަމެކެވެ.
އަމިއްލައަށް ގެ ތަޅާނުލައިފިނަމަ، އިސްރާއީލުގެ މުނިސިޕަލްޓީގެ މެޝިނަރީތައް ފޮނުވައިގެން ގެ ތަޅާލުމަށްފަހު، އެކަމަށް ހިނގި ބޮޑު ހަރަދު ކަމަށްވާ ގޭގެ އަގާއި އެއްވަރުގެ ބޮޑެތި ޖޫރިމަނާތައް ގޭގެ ވެރިފަރާތުން ދައްކަން މަޖުބޫރުކުރެއެވެ.
ސޫރު ބާހިރު އަވަށުގައި ދިރިއުޅޭ މުހައްމަދު ފާއިޒް ނަމަރު ދުވައްޔާތު އަދި އޭނާގެ ބައްޕަ ވަނީ އަހަރުތަކެއް ވަންދެން ކޯޓުގައި ވަކާލާތުކުރުމަށްފަހު، އަދި 30،000 ޑޮލަރަށްވުރެ ގިނަ ފައިސާގެ ޖޫރިމަނާ ދެއްކުމަށްފަހުވެސް، އެމީހުންގެ ގެތައް އަމިއްލައަށް ތަޅާލަން މަޖުބޫރުވެފައެވެ. މި ދެ ގޭގައި 7 މީހުން ދިރިއުޅެމުން ދިޔައެވެ.
މީގެ އިތުރުން ސިލްވާންގެ އަލްބުސްތާން އަވަށުގައި ދިރިއުޅޭ ޔައުގޫބު އައްރަޝްގް އާއި އޭނާގެ އާއިލާއަށްވެސް ވަނީ 10 ދުވަހުގެ ތެރޭގައި އެމީހުންގެ 110 އަކަމީޓަރުގެ ގެ ހުސްކޮށް ތަޅާލުމަށް މުހުލަތެއް ދީފައެވެ. އެ ގޭގައި 10 މީހުން ދިރިއުޅެއެވެ.
މިފަދަ އަމަލުތަކުގެ މަގުސަދަކީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެ ސިޓީއިން ނެރެ، ނަސްލު ސާފުކޮށް ފަލަސްތީނު މީހުންގެ ނިސްބަތް ކުޑަކުރުން ކަމަށް އެ އާއިލާތަކުން ތުހުމަތު ކުރެއެވެ.





