ލަދަކާ ނުލައި ޖެނޮސައިޑް ހިންގަން ޔަހޫދީ ރެޖީމަށް ނޫނީ ނުކެރޭނެ! ޣައްޒާގައި ތާރީޚީ ބޮޑު ޖަނާޒާ

ލަދެއް ޙަޔާތެއް ނެތި، އިންސާނިއްޔަތާ ޚިލާފަށް ނަސްލުނައްތާލުމުގެ ޖެނޮސައިޑް ޖަރީމާތައް ޔަހޫދީ އިސްރާއީލް ރެޖީމަށް ނޫނީ ހިންގާކަށް ނުކެރޭނެ އެވެ. އިންސާނީ ތާރީޚު ދުށް އެންމެ ބޮޑެތި އަނިޔާވެރިކަމާއި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެ, ދެ އަހަރާއި ބައި ވަންދެން ސުންނާފަތި ކުރަމުންދާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ފަލަސްޠީނުގެ ޝަހީދުންގެ ޖަނާޒާ މިއަދު ވަނީ ބާއްވާފަ އެވެ.

މިއަދު ޣައްޒާގެ ރައްޔިތުން ވަނީ، މީގެ ދެ އަހަރާއި ބައި ކުރިން ޔަހޫދީ ރެޖީމުން ހިންގި ޖެނޮސައިޑް ޢުދުވާންގައި ޝަހީދުވި ޢާއިލާތަކެއްގެ 112 އަށްވުރެ ގިނަ މީހުންގެ މައްޗަށް ކަށުނަމާދުކޮށް އެމީހުން ވަޅުލާފަ އެވެ. ޣައްޒާގެ ޞަބްރާ އަވަށަށް އަމާޒުކޮށް ޔަހޫދީ ޖެނޮސައިޑް ސިފައިން ދިން ލާއިންސާނީ ޖެނޮސައިޑް ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިގަނޑުތައް، އެތައް މަހެއް ވަންދެން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ހުރުމަށްފަހު މިހާރު ވަނީ ނެގިފައެއެވެ. މިތަންތަން ކޮންނަން ބޭނުންވާ ސާމާނުތައްވެސް ޔަހޫދީ ރެޖީމުން ވަނީ ހަލާކުކޮށްލާފައެވެ. އެހެންވެ ފަލަސްތީނު މީހުންނަށް މިކަން ކުރަން ޖެހެނީ އުދަގޫ ހާލަތެއްގައެވެ.

މި ޖަނާޒާއަކީ ފަލަސްޠީނުގެ މި ފަހުގެ ޖެނޮސައިޑް ތާރީޚުގައި ބޭއްވި އެންމެ ބޮޑު އެއް ޖަނާޒާ އެވެ. ޒަޔަނިސްޓް ޔަހޫދީންގެ މި އަނިޔާވެރިކަމުގައި އެކަނިވެސް ޢާއިލާތަކުގެ އެތައް ބަޔަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ފަލަސްޠީނުގެ ރައްޔިތުން ދައްކަމުންދާ ކެރުމާއި ހިތްވަރަކީ މުޅި ދުނިޔެއަށް ލިބިގެންދާ ފިލާވަޅެކެވެ.

ޔަހޫދީ ރެޖީމުން ހިންގަމުންދާ ޖެނޮސައިޑާއި ޓެރަރިޒަމްގެ ޢަމަލުތަކުން ފަލަސްޠީނުގެ މުސްތަޤްބަލާއި މިނިވަންކަމުގެ ރޫޙު ނައްްތައި ނުލެވޭނެކަން މި ޖަނާޒާއިން ވެސް ވަނީ ސާބިތުކޮށްދީފައެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިންގެ އަނިޔާވެރިކަމަށް ފަސްޖެހުމެއް ނެތި ފަލަސްޠީނުގެ ރައްޔިތުން ދަނީ އެމީހުންގެ ވަޠަނާއި ޙައްޤުތަކުގެ ދިފާޢުގައި ސާބިތުކަމާއެކު ތިބި ކަމުގެ ވަރުގަދަ މެސެޖެއް ދެމުންނެވެ.

ހިއްސާ ކުރައްވާ!