އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފަކު، އެގޭގެ އެތެރޭގައި ހިނގަމުންދާ ބިރުވެރި އަދި އަނިޔާވެރި ކަންކަން ބޭޒާރުކޮށްފިއެވެ. ބޮޑުވަޒީރުގެ އޮފީހާ ދެކޮޅަށް ދަޢުވާއެއް އުފުލަމުން އޭނާ ކިޔައިދިން ގޮތުގައި، އެ މުވައްޒަފަށް ނަތަންޔާހޫގެ ބިރުވެރި އަންހެނުން ސާރާ ނަތަންޔާހޫގެ ފަރާތުން ކޮންމެ ދުވަހަކުވެސް ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި އަނިޔާތަކާ ކުރިމަތިލާންޖެހުނެވެ.
އުމުރުން 62 އަހަރުގެ މި މުވައްޒަފު ފާހަގަ ކޮށްފައި ވަނީ ޔޫ. ގެ ނަމުންނެވެ. އޭނާ ވަނީ އިޒްރޭލުގެ 12 ވަނަ ޗެނަލަށް ދިން އިންޓަވިއުއެއްގައި އެ ގޭގައި މަސައްކަތް ފެށެނީ ނަތަންޔާހޫއަށް ވަފާތެރިކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ބުނެފައެވެ.
ހަރުކަށި އުސޫލުތަކާއި ސާފުތާހިރުކަމުގެ ގަވާއިދުތައް
މަސައްކަތް ފެށުމުގެ ކުރިން ސާރާ ނަތަންޔާހޫ ވަނީ އޭނާއާ އިންޓަަރވިއުކޮށް، ގެއަށް ވަނުމަށްފަހު އަމަލުކުރަންޖެހޭ ހަރުކަށި އުސޫލުތައް ތަޢާރަފުކޮށްފައެވެ.
-
އަތްދޮވުމުގެ ހަރުކަށި ނިޒާމު: ގެއަށް ވަންނަ އިރަށް ސައިބޯނި ލައިގެން އަތް ދޮންނަންޖެހެއެވެ. އަދި ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އަތް ދޮންނަންޖެހެއެވެ.
-
އެއްޗެހި ސާފުކުރުމުގެ އުސޫލު: ކެއުމަށްފަހު، ސިންކު ސަމުސާ އަދި އޫ ފަދަ ތަކެތި ތަފާތު ތިން ޓިޝޫއަކުން ތަފާތު ތިން ފަހަރަށް ސާފުކުރުމަށްފަހު ނޫނީ ފެނުން ދޮވެގެނެއް ނުވެއެވެ.
-
އަޑެއް ނީއްވުން: ކޮފީތަށްޓާއި ބިއްލޫރި ތަށި ދޮންނައިރު އެއްވެސް އަޑެއް އިއްވައިގެނެއް ނުވާނެއެވެ.
ދުވާލަކު ލިބޭ އަނިޔާއާއި ޖިސްމާނީ ބުރަ
މުވައްޒަފު ބުނިގޮތުގައި ކޮންމެ ދުވަހަކުވެސް ބިން މަތީގަިއ ބަނޑު ޖަހައިގެން އޮވެ ބަދިގެއާއި ކޮރިޑޯގެ ތަޅުންގަނޑު ވެޓް ޓިޝޫ ބޭނުންކޮށްގެން، ސާފުކުރަން ޖެހެއެވެ. އަދި ގޭގެ އަގުބޮޑު ކާޕެޓުތައް މަތިން ހިނގުމަކީ މަނާ ކަމެކެވެ. އަދި ކާޕެޓަށް އަރައިފިކަން އެނގިއްޖެނަމަ އަޑުގަދަކޮށް ހަޅޭއްލައި ހަދާ ކަމަށް ބުންޏެވެ. އެ ހަޅޭއްލެވުމާއި އެއްޗެތި ކިޔުން 10 މިނެޓަށް ހާއިރަށް ދެމިގެންދާ ކަމަށް ބުންޏެވެ.
މީގެއިތުރުން، ސާރާ ނަތަންޔާހޫގެ ފައިވާން އަލަމާރީގައި 400 ޖޯޑު ފައިވާން ހުންނަ ކަމަށް އޭނާ ބުންޏެވެ. އަދި މި އަގު ބޮޑު ބޫޓާއި ފައިވާނަކީ އޭނާއަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ ތަކެއްޗެކެވެ. މި ބޫޓުތައް ބޭނުންކުރިއަސް ނުކުރިއަސް ކޮންމެ ދުވަހަކު ފޮޅައި އެއާ އަޅާލަން ޖެހެއެވެ.
އަނިޔާކުރުން
މިމީހާ ކޮށްފައިވާ ދަޢުވާގައި އޭނާއަށް ޖިސްމާނީ ގޮތުން އަނިޔާ ކުރިކަމަށްވެސް ބުނެފައި ވެއެވެ.
- އޭނާއަށް ކޮށްފައިވާ އަނިޔާގެ ތެރޭގައި ޖިސްމާނީ ގޮތުން ކޮއްޕާ ހެދުމާއި، ފާރުގައި ބޯޖައްސައި ތެޅުން.
- ސިނގިރޭސި ބޯކަން އެނގުމުން، "ކޮންމެ ދުވަހަކު ކަލޭ މަރުވުމަށާއި ކެންސަރު ބަލި ޖެހުމަށް ދުޢާކުރާނަން" ބުނެ ބަދުދުޢާކުރުން.
- އާއިލީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ އެ މުވައްޒަފުގެ ދަރިފުޅަށް މަލާމާތް ކޮށް ނަފްސާނީގޮތުން ބަލިކޮށްލަން މަސައްކަތްކުރުން.
ބޮޑުވަޒީރު ނަތަންޔާހޫ އެއްޗެއް ނުބުނުމާއި ޖެހިލުންވުން
އެ މުވައްޒަފު ސިފަކުރިގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ބާރެއް އޮންނަ މީހެއް ނޫނެވެ. ހުރިހާ ކަމެއް ކޮންޓްރެކްޓްކޮށް ހިންގަނީ ސާރާއެވެ. އަދި ސަރުކާރުގެ ބޮޑެތި މަޤާމުތަކުގެ މީހުންނަށްވެސް އެކި ކަންކަމުގައި ގުޅައި ސާރާ ހަޅޭއްލަވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ގޭތެރޭގައި ދިމާވި ނަފްސާނީ މައްސަލަތަކާ ހެދި ހިތްދަތިވެގެން އެ މުވައްޒަފަށް ޕްރެޝަރު ބޮޑުވެ، ހާޓްއެޓޭކެއް ޖެހި އައި.ސީ.ޔޫގައި ފަރުވާދޭންޖެހުނު ކަމަށްވެސް ދައުވާގައި ބުނެފައި ވެއެވެ. އަދި ފަހުން ނަތަންޔާހޫގެ ދަރި ޔާއީރު އޭނާ އެ ގެއިން ނެރެ ބޭރުކޮށްލީ ކަމަށް ބުންޏެވެ.
ނަތަންޔާހޫ އޮފީހުގެ ރައްދު
މި ތުހުމަތުތަކާ ގުޅިގެން ނަތަންޔާހޫ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ މިއީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އަދި އެ މުވައްޒަފު ވަޒީފާއިން ވަކި ކުރީ މަސައްކަތުގެ ފެންވަރު ދަށްވުމާއި ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ކަމަށާއި، މިފަދަ ދަޢުވާތަކަކީ ދައުލަތުގެ ފައިސާ ފޭރިގަތުމަށް ކުރާ ކަމެއް ކަމަށް ނަތަންޔާހޫ އޮފީހުގެ ބަޔާނުގައި ބުނެފައެވެ.






