ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ޗައިނާގެ ކުންމިންގއަށް ވަޑައިގަތުމުން، ކުންމިންގގެ ވައިގެ ބަނދަރުން ޔުނާންގެ ސަރުކާރުގެ އިސްބޭފުޅުން ވަނީ، މިއަދު އޮނަރަބަލް އަޙްމަދު ނާޡިމްއަށް މަތީ ފެންވަރުގެ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ މި ދަތުރުފުޅަކީ، ޗައިނާ އާއި ދެކުނު އޭޝިއާއާ ދެމެދު ސަރަހައްދީ އެއްބާރުލުން ބަދަހިކުރުމަށް އަމާޒުކޮށްގެން ބާއްވާ މުހިންމު ޙަރަކާތްތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ކުންމިންގގައި ހޯމަދުވަހު އިފްތިތާޙު ކުރާ 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯއާއި 24 ޖުލައިގައި އިފްތިތާޙު ކުރާ 5 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަންގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މި ދެ މުނާސަބާ އިފްތިތާޙު ކުރާ ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.
މިއަދު، ކުންމިންގައި އޮނަރަބަލް އަހްމަދު ނާޡިމްއަށް ދެންނެވި މަރުޙަބާއިން ޗައިނާއާއި ރާއްޖެއާ ދެމެދު ބަދަހިވެފައިވާ ގުޅުން ރަމްޒުވެގެން ދިޔައެވެ. އަދި މި މަރުހަބާ ދެންނެވުމުން ފެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަނަވަރީ މަހު ސީނުކަރައަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދިވެހިރާއްޖެއާއި ސީނުކަރައާ ދެމެދު އަލުން ބަދަހިވެގެން ގޮސްފައިވާ ބަދަހި ގުޅުމެވެ.
އޮނަރަބަލް އަހްމަދު ނާޡިމް ކުންމިންއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ދާއިމީ ކޮމިޓީގެ ނައިބު ރައީސް ރެން ޖުންހާއޯ އާއި ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ދާއިމީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މެޑަމް ހާން މޭ ހިމެނިވަޑައިގަންނަވައެވެ.
އޮނަރަބަލް އަޙްމަދު ނާޡިމް ވަނީ މިއަދު، ޔުނާން ޕްރޮވިންސްގެ މަސްއޫލުވެރިންނާއެކު މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވަވައި ޔުނާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދުގެ ގުޅުމާއި އިޤްތިޞާދީ ގުޅުން ވިލަރެސް ކުރުމާ ބެހޭ ގޮތުންނާއި ޔުނާން ޕްރޮވިންސްގެ ލީޑަރުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދެ ސަރަހައްދުގެ ގުޅުން އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އޮނަރަބަލް އަހުމަދު ނާޡިމް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އާއި 5 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައެވެ.
“ސޮލިޑަރިޓީ އެންޑް ކޯޑިނޭޝަން ފޯ ކޮމަން ޑިވެލޮޕްމަންޓް” ގެ ނަމުގައި ބާއްވާ އެކްސްޕޯގައި ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލުކުރާ ޕެވިލިއަންކަތަށްވެސް އޮނަރަބަލް އަޙުމަދު ނާޡިމް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
އޭގެ އިތުރުން އޮނަރަބަލް އަހްމަދު ނާޡިމް، ޔުނާން ޓެންގްޔޫން އިންފޮމޭޝަން ކޯ ލިމިޓެޑާއި ޔުނާން ނޮންގްކެން ކޮފީ ކޯ ލިމިޓެޑް ފަދަ މަޝްހޫރު ކުންފުނިތަކަށްވެސް ޒިޔާރަތް ކުރައްވާނެ އެވެ.
ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްއަކީ، ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޔުނާން ޕްރޮވިންސްގެ ސަރުކާރު ގުޅިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ޗައިނާ އާއި ދެކުނު އޭޝިއާގެ 200 އަށް ވުރެ ގިނަ ޢަދަދެއްގެ މަތީ ފެންވަރުގެ މަސްއޫލުވެރިންނާއި މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މި ފޯރަމްގެ މިއަހަރުގެ ތީމަކީ “ބިލްޑިން ކޮންސެންސަސް ފޯ ރީޖަނަލް ޑިވެލޮޕްމަންޓް” އެވެ. ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ދެފަރާތަށް ފައިދާހުރި އެއްބާރުލުން ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މި ފޯރަމަކީ، 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުންމިންގްގައި ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި، ސަރަހައްދީ އެއްބާރުލުމާއި ތަރައްޤީއާ ބެހޭ ގޮތުން ފުންކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދެއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ އަރިހުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަފްދުގައި ވައިކަރަދޫ ދައިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސެއިން ޒިޔާދުއާއި މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުالله ރިފާޢުއާއި ފޭދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް ދީދީ އާއި މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙަސަން މުފީދު ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުން، ކުންމިންގެ މުހިންމު މަރުކަޒުތަކަށް ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޡިމް، ޗައިނާ ސަރުކާރުން އިންތިޒާމު ކުރާ މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމުން ރަމްޒުކޮށް ދެނީ ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި އަދި ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޗައިނާއާ ގުޅިގެން ތަރައްޤީގެ އާ މަގުތަކެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ ދާއިރާގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައިވާ އިޙުތިރާމާއި ސަރަޙައްދީ ޑިޕްލޮމެސީއާއި އިޤްތިސާދީ އެއްބާރުލުމުގައި ރާއްޖޭގެ ސްޓްރެޓެޖިކް މުހިންމުކަންވެސް ހާމަވެގެން ދެއެވެ.