ރާއްޖޭގައި ކޮންވެންޝަން ސެންޓަރެއް އިމާރާތް ކުރާނީ ކޮން އިރަކުން

ރާއްޖެއަށް ބޭނުންވާ ވަރުގެ ކޮންވެންޝަން ސެންޓަރެއް ލިބޭނީ ކޮން އިރަކުން ހެއްޔެވެ؟ މިއީ ކޮންފަރެންސެއް ބާއްވާއިރު އެންމެ ގިނައިން ކުރެވޭ ސުއާލެވެ. މިހާރު ރާއްޖޭގައި ކޮންވެންޝަން ސެންޓަރަކަށް ބޭނުންކުރަމުން ގެންދަނީ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު ސާކު ސަމިޓަށް ބިނާކޮށްދެއްވި ދަރުބާރުގެ އެވެ. ރައީސް މައުމޫނުގެ ވެރިކަމަށްފަހުވެސް މިޤައުމުން ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓައި ބައްދަލުވުންތައް ބާއްވާފައި ވެއެވެ. އެކަމަކު އެޒަމާނުގައި ބޭއްވިފަދަ ކުލަގަދަ ބައްދަލުވުންތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެންވެ، ދަރުބާރުގެ އަދިވެސް ހުރީ ރައީސް މައުމޫނު ބިނާކޮށްދެއްވި ގޮތަށެވެ. އެކި ފަހަރު އެކިއެކި ބޭނުންތަކަށް ބޭނުންވާ މިންވަރަށް މަރާމާތު ކުރަމުން ގެންގޮސްފައި ވެއެވެ.

އެންމެ ބޮޑު މަރާމާތަކާއި ބަދަލެއް އައިސްފައި ވަނީ މިނިވަން ފަންސާހަށް ބޭއްވި ޙަފްލާތަކާ ގުޅިގެންނެވެ. އެޙަފްލާތައް ބެއްވުމަށްޓަކައި ކުންފުންޏަކުން ސީއެންސީ މެޝިނެއް އެތެރެކޮށްގެން ބޯޑުތަކެއްގައި ޑިޒައިންތަކެއް ކަނޑާލައި ބޯޑުތަކެއް ހަރުކުރިއެވެ. މިހާރު ފެންނާން އެހެރެ ބަދަލަކީ އެ ބޯޑުތަކެވެ.

ދަރުބާރުގެ ހުރި ބިމުގައި 2000ގެ ކުރީކޮޅު ހޮޓަލަކާއެކު ކޮންވެންޝަން ސެންޓަރެއް ބިނާ ކުރުމަށް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެއިރު އިދިކޮޅަށް ކުޅުނު ޕާޓީން އަޑު ފަތުރަމުން ދިޔައީ އެފަދަ އިމާރާތެއް ހަދައިފިނަމަ، ހެންވޭރު އެއްކޮށް ގަނބައިގެން އަޑިއަށް ހިނގައިދާނެ ކަމަށެވެ. އެއަށްފަހު އެފަދަ ވާހަކައެއް އެއްވެސް ފަރާތަކުން ފަހުން ދައްކާފައެއް ނުވެއެވެ.

މިހާރު ދަރުބާރުގޭގެ ވާހަކަ ދައްކަން ޖެހުނީ އަނެއްކާވެސް ޕުޓީ އަޅައި ކުލައި ޓިނުތައް ބަދަލުކޮށް، އެތަން ދުނިޔޭގެ ފެންވަރަށް މަރާމާތު ކުރެވުނު ކަމަށް ބުނެ މެޑެލް ޖެހުމުގެ ވާހަކަތައް މީޑިއާއިން ފެނިގެންނެވެ.

ހިއްސާ ކުރައްވާ!