ރާއްޖެއާ ޗައިނާގެ މިނިވަން ވިޔަފާރީގެ މުޢާހަދާއަށް ޢަމަލު ކުރަން ފެށުމުން ފުރުޞަތު ފަހިވެގެން ދާނެ: ނާޡިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް، ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވާކަށް ބަސްދީގަތުމެއް ދެއްވައިފިއެވެ. އެ ބަސްދީގަތުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު، ބަދަހިވަމުންދާ ގުޅުމުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޗައިނާގެ ފަތުރިވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު މިއަހަރު އިތުރުވެފައިވާ ކަން ފާހަގަ ކުރައްވައި އެކަމަށް ޗައިނާގެ ޒަޢާމަތަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙްމަދު ނާޡިމްގެ މި ބަސްދީގަތުމަކީ، ކުންމިންގްގައި ބޭއްވި 8 ވަނަ ޗައިނާ – ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގެން ދެއްވި ބަސްދީގަތުމެކެވެ.

ފަތުރުވެރިކަމާއި އިޤްތިޞާދީ ތަރައްޤީއާއި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ޗައިނާގެ ޙިއްސާ ފާހަގަ ކުރައްވަމުން، އަޙްމަދު ނާޡިމް ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ ޢުމުރާނީ ތަރައްޤީގެ މުހިންމު ޙިއްޞާދާރެއް ކަމަށެވެ. އަދި ސިނަމާލެ ބްރިޖުގެ މުހިންމުކަމަށް އަލިއަޅުވައި ލައްވަމުން އެ މަޝްރޫޢު ނިމުމާއެކު މާލެ ސަރަޙައްދުގައި ދިރިއުޅުމުގެ ފެންވަރު މަތިވެގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ.

ކުރިމަގުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދޭންވީ ދާއިރާތަކާމެދު ސުއާލު ދެންނެވުމުން އަޙްމަދު ނާޡިމް ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ، މާލީ ދަތިތަކާ ހެދި ތަރައްޤީ ކުރަން ފެށިފައި ނުވާ ރަށްތައް ތަރައްޤީ ކުރުމުގައި ޗައިނާގެ ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.

ކުންމިންގައި ކުރިއަށްދިޔަ އެކްސްޕޯގައި، ދެކުނު އޭޝިއާއާއި އަދި ދެކުނު އިރުމަތީ އޭޝިއާގެ 1،000 އަށް ވުރެ ގިނަ ވިޔަފާރިތައް ބައިވެރިވެގެން އެޤައުމުތަކުގައި ހުރި އިޤްތިޞާދީ ފުރުޞަތުތައް ދައްކާލާފައި ވެއެވެ.

ފަތުރުވެރިކަމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މުހިންމު އެއް ދާއިރާކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ޤައުމީ އެއާލައިންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފެށުމުން ރާއްޖެއިން ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ނިސްބަތް އިތުރުވެގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ޗައިނާއާއި ރާއްޖެއާ ދެމެދު އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ މުޢާހަދާގެ މުހިންމު ކަމަށް އަލިއަޅުވައި ލައްވަމުން އަޙްމަދު ނާޡިމް ވިދާޅުވީ، އެ އެއްބަސްވުން ތަޞްދީޤްކޮށް އެ މުޢާހަދާއަށް ޢަމަލު ކުރަން ފެށުމުން އިޤްތިޞާދީ ފުރުޞަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!